ވިޔަފާރި

ބީއެމްއެލްއިން، ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްޤީކޮށް ޒަމާނީ ބަދަލުތައް ގެންނަނީ


ރާއްޖޭގެ ޤައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ. މިއީ 2022ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ޤައުމީ ކުތުބުޚާނާގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ކުތުބުޚާނާ ތަރައްގީކުރުމަށް ބޭންކުންވަނީ ޤައުމީ ކުތުބާޚާނާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީއެމްއެލްގެ ހެޑް އޮފް މާކެޓިންގ އަޙްމަދު ޒަރީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޤައުމީ ކުތުބުޚާނާގެ މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ކުތުބުޚާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން, ކުތުބުޚާނާއިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މުޅިން އަލަށް ކުތުބުޚާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީ ކޮށްދޭނެކަމަށެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޤައުމީ ކުތުބުޚާނާ ހިންގުމާއި ހަވާލުވެހުންނެވި އަޙްމަދު މުހުސިން ވިދާޅުވީ، ބީއެމްއެލްއިން ލައިބްރަރީއަށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން ލައިބްރަރީއަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުން ގައުމީ ކުތުބުޚާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުޚާނާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއްވެސް ބީއެމްއެލްއިން ޤާއިމްކޮށްދޭނެއެވެ.