ރިޕޯޓް

ލިޔެލާޖެހުމުގެ މަސައްކަތުން ދިވެހިންގެ ހުނަރުވެރިކަން ފެނޭ


ލިޔެލާ ޖެހުމުގެ މަސައްކަތަކީ ޒަމާނުއްސުރެ ދިވެހިންގެ ހުނަރުވެރިކަން ފެނިގެންދާ މަސައްކަތެކެވެ. ދިވެހި އުފެއްދުމެއް ފެނުމުން އެންމެ އުފާވާ އެއް އުފެއްދުމަކީ ލިޔެލާޖެހި ތަކެެއްޗެވެ. މިހާރު ދަރުބާރުގައި ހުޅުއްވާފައިވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ ލިޔެލާޖެހުމުގެ އުފެއްދުންތަކެވެ.ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު ދެހާސް ފަނަރައިގައި ދިވެހިންގެ ފަންނުވެރިކަން ދައްކައިދޭ އެކިވައްތަރުގެ ތަކެތި ބައިވެރިކޮށްފައިވެއެވެ. ބައިވެރިކޮށްފައިވާ ތަކެތީގެ ގިންތިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ލިޔެލާޖެހުމުގެ ތަކެތީގެ ބައެވެ. މަޢުރަޒްގެ ބޮޑުބައެއް ފަޅުފިލުވާފައިވަނީ ލިޔެލާޖެހި އުފެއްދުމުނެވެ. ލިޔެލާޖެހުމުގެ ގިންތިން ދެވަނައަށް ހޮވިފައިވަނީ ބ. ތުޅާދޫ އާޝިޔަން ޔޫސުފް ޒަކަރިއްޔާއެވެ. ލިޔެލާޖަހާފައި ތަކެތިގެ ތެރެއިން ޔޫސްފް ވަނީ އެކި ކުލަކުލައިގެ އެކި ފަރުމާތަކުގެ ތަކެތި މަޢުރަޒުގައި ބައިވެރިކޮށްފައެވެ. އަދި މި މަޢުރަޒުގައި ޔޫސުފްގެ އަތުން ތައްޔާރުކުރި 100 އަށްވުރެ ގިނަ ތަކެތި ހުންނާނެކަމަށް އޭނާ ބުނި. ޔޫސުފު މަޢުރަޒަށް ތައްޔާރުކުރި ތަކެތި ހެމަށް 3 މަސްދުވަސް ހޭދަވިއެވެ.ލިޔެލާޖެހުމުގެ އުފެއްދުންތަކަށް އެންމެ ގިނައިން އޯޑަރުލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިންކަމަށް ވެސް ޔޫސުފް ފާހަގަކުރިއެވެ. ޔޫސުފަކީ ލިޔެލާޖެހުމުގެ މަސައްކަތުގެ އިތުރުން އެހެނިހެން މަސައްކަތްވެސް ކުރާ ހީވާގި މުރާލި މަސައްކަތްތެރިއެކެވެ. ލިޔެލާ ޖެހުމުގެ މަސައްކަތާ ގުޅޭގޮތުން ޔޫސު ބުނީ މިއީ ކުރަން ރަނގަޅު މަސައްކަތެއްކަމަށާއި ކޮންމެ މީހަކަށްވެސް މި މަސައްކަތް ކުރެވޭނެކަމަށެވެ. ލިޔެލާޖެހުމުގެ މަސައްކަތް ދަސްކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ބުންޏެވެ. ލިޔެލާ ޖެހުމަށް ދިމާވާ ދަތިކަމަކީ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުންކަމުގައި ޔޫސުފް ފާހަގަކުރިއެވެ. ކުރިން ރާއްޖޭގައި ފެންނަމުންދާ ލިޔެލާޖެހުމުގެ ފަރުމާތަކާ އަޅާބަލާއިރު މިހާރު ތަފާތު ތަކެތި ފެންނަމުންދެއެވެ. ދިވެހިރާއްޖޭގެ ނަމުގައި ބޭރު ޤައުމެއްގެ އިސް ވެރިޔަކަށް ނުވަތަ ބޭރުގެ ވަފުދެއްގެ ބޭފުޅުންނަށް ރާއްޖޭގެ ހަދިޔާއެއްގެ ގޮތުގައި އަރުވަން އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ލިޔެލާޖެހި އެއްޗިއްސެވެ. މިފަދަ އުފެއްދުންތަކުގެ ރީތިކަމާއި އުފެއްދުމުގެ ހުނަރާއި ވައްޓަފާޅީގެ ނިސްބަތުން، މިފަދަ ތަކެތީގެ އަގުވެސް މަތިކަން، ވިއްކަން ހުންނަ މިފަދަ ތަކެތީގެ އަގުތަކަށް ބަލާއިރު ފާހަގަކުރެވެއެެވެ.