ވިޔަފާރި

ފަތުރުވެރިކަމުގެ 52,024 އެނދު އޮޕަރޭޝަނަށް


ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭން އޮޕަރޭޓްކުރާ އެނދުގެ ޢަދަދު 52,024އަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 56،410 އެނދެވެ. އަދި މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް މީގެތެރެއިން 52،024 އެނދު އަންނަނީ ފަތުރުވެރިކަމުގައި ބޭނުންކުރަމުންނެވެ.

މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 37352 އެނދާއި، ގެސްޓުހައުސްތަކުގެ 10466 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2846 އެނދާއި، ހޮޓާތަކުގެ 1360 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 160 ރިސޯޓު، 597 ގެސްޓު ހައުސް، 144 ސަފާރީ، 10 ހޮޓާ ހިމެނޭހެން ޖުމްލަ 911 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިދިޔަ އޮކްޓޫބަރުމަހުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓްކުރަމުން އައީ 51740 އެނދެވެ. އެހެންކަމުން އެއް މަސްދުވަސްތެރޭ 284 އެނދު އިތުރަށްވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ.

އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1,177,905 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، %152.8 އިތުރު ޢަދަދެކެވެ.