ވިޔަފާރި

ފަތުރުވެރިންނަށް ތޮއްޑޫ، ކިޔާދޭ ވިޔަފާރި ގާޑިޔާ


ރަށު ފަތުރުވެރިކަމާއެކު ރާއްޖޭގެ ގިނަ ރަށްރަށައް އޭގެ މަންފާ ދަނީ ކުރަމުންނެވެ. ރަށު ފަތުރުވެރިކަމުގައި މިހާރު އއ.ތޮއްޑޫއަކީ ކުރިއަރަމުން އަންނަ ރަށެކެވެ. މިއާއެކު ރަށުގެ އެހެނިހެން ވިޔަފާރިތަކަށްވެސް އޭގެ ފައިދާ ދަނީ ލިބެމުންނެވެ.

ތޮއްޑޫގައި ރަށު ފަތުރުވެރިކަން ފެށިގެންއައީ 2014ވަނަ އަހަރުއެވެ. އެރަށުގައި މިހާރު 44 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ. މިއާއެކު އަބަދުވެސް އެރަށުގައި ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ފަތުރުވެރިކަން ފުޅާވެ ރަށުގެ އެހެން ބައެއް ވިޔަފާރިތައް ފެށި އެވިޔަފާރިތަކަށްވެސް ލިބޭ ނަފާ ދަނީ އިތުރުވަމުންނެވެ.

ގާޑިޔާ ވިޔަފާރިއަކީ މިއަދު ތޮއްޑޫގައި ވަރަށް ފުޅާދާއިރާއެއްގައި ކުރިއަރަމުންއަންނަ ވިޔަފާރިއެކެވެ. ތޮއްޑޫގައި 2 ފަރާތަކުން އަންނަނީ ގާޑިޔާ ވިޔަފާރިކުރަމުންނެވެ.

ތޮއްޑޫގައި މިހާރު 4 އަހަރު ވަންދެން ގާޑިޔާ ވިޔަފާރި ކުރަމުންއަންނަ އިސްމާޢީލް ހަސަން ބުނީ މިއީ އޭނާ ތޮއްޑޫ އިސްތިހާރުކުރުމުގެ ގޮތުން ކުރަމުންއަންނަ ވިޔަފާރިއެއްކަމަށެވެ.

މިއީ ރަނގަޅު ޢާމްދަނީއެއް ލިބޭ މަސައްކަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އޭނާގެ ޢާއިލާ ކައިބޮއެ އުޅެނީ މިމަސައްކަތުން ލިބޭ އާމްދަނީން ކަމަށެވެ. އިސްމާއިލް ހަސަންގެ ގާޑިޔާ ހުޅުވާފައި ހުންނަނީ ހެނދުނު 8އިން އިރުއޮއްސި 6 ޖަހަންދެނެވެ.

"މި ވިޔަފާރިއަކީ ތޮއްޑޫ އިސްތިހާރުކުރުމަށް އަޅުގަނޑު ކުރާކަމެއް މިއީ. ވަރަށް މަސައްކަތާއެކު އެކިތަންތަނުގައި މި ބާއްވައިގެން އެކި ފާޑުފާޑު އެއްޗެހި ގެނެސް އެލުވައިގެން ހަމަ ތޮއްޑޫ އިސްތިހާރުކުރުމަށްޓަކައި މަސައްކަތް މިކުރަނީ. އަޅުގަނޑަށް ވަރަށްބޮޑު ފައިދާއެއްވެސް މިކަމުން ލިބޭ. އެހެންވީމަ މިކަން ހުއްޓާނުލައި މި ކުރިއަށްގެންދަނީ." އިސްމާޢީލް ހަސަން ބުންޏެވެ.

ތޮއްޑޫގެ ގާޑިޔާ ވިޔަފާރިއަށް ފަތުރުވެރިންގެ މެދުގައި އޮންނަ މަޤްބޫލުކަން ވަރަށްބޮޑެވެ. މި ގާޑިޔާތައް ހުޅުވާފައި ހުންނަ ވަގުތުތަކުގައި ފަތުރުވެރިން އެތަންތަނުން ހުސްނުވެއެވެ.

ތޮއްޑޫގައި ގާޑިޔާ ވިޔަފާރިކުރާ 2ވަނަ ފަރާތްކަމުގައިވާ ހަސަން މަނިކުވެސް ގާޑިޔާ ވިޔަފާރި ސިފަކޮށްފައިވަނީ ނަފާބޮޑު މަސައްކަތެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ރަށުގައި ފަތުރުވެރިން ގިނަނަމަ ވިޔަފާރީގެ ނަފާބޮޑުކަމަށް އޭނާ ބުނެއެވެ. އޭނާ މި ވިޔަފާރި ކުރަނީ އޭނާގެ ދަރިފުޅަކާއެކުގައެވެ. ހަސަން މަނިކު މި މަސައްކަތްކުރާތާ މިހާރު 9 މަސް ވަނީ ވެފައެވެ.

"ހިތައް އެރި ކުއްޖަކު ގޮވައިގެން ގާޑިޔާ ވިޔަފާރި ފަށާނީއޭ. ދެން ވަރަށް ގިނަ މީހުންނާއި ކުދިންގެ އެހީއާއެއްކޮށް ވަރަށް ކުރިއަށް ގޮއްސައި މިހާރު މިހިރީ. ވަރަށް ގިނަ ލާރިވެސް ޖެހޭ." ހަސަން މަނިކު ބުންޏެވެ.

ތޮއްޑޫގައި ހިންގާ ގާޑިޔާ ވިޔަފާރީގައި މުޅިންވެސް ވިއްކަން ހުންނަނީ އެރަށުން ލިބެންހުންނަ ތަކެއްޗެވެ. އޭގެތެރޭގައި ކުރުނބާ، ދިޔާހަކުރު، ކާށިތެޔޮ، ބޮނޑި، ކަރާ، އަލަނާސި، ފެޝަންޕްރުޓް އަދި އަނބު ފަދަ ތަކެތި ހިމެނެއެވެ. ތޮއްޑޫއަކީ ދަނޑުވެރި ރަށަކަށް ވުމާއިއެކު މިތަކެތި ތާޒާކަމާއިއެކު ހުސްނުވެ ލިބެއެވެ. މިއީވެސް މި ވިޔަފާރި ތޮއްޑޫގައި ކާމިޔާބުކަމާއިއެކު ކުރުމަށް ލިބިގެންދާ ފުރުސަތެކެވެ.