ޚަބަރު

ރިސޯޓުތަކުގެ މިސްކިތްތަކަށް، 109 ޚަޠީބުން ތަމްރީނުކޮށްފި


ރިސޯޓުތަކުގެ މިސްކިތްތަކަށް، 109 ޚަޠީބުން ތަމްރީނުކޮށް ޚަޠީބުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް ސަނަދު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމްއެވެ.

އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައިވަނީ ޚަޠީބުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްއިން ފާސްވި 87 ދަރިވަރަކަށް ސަނަދު ޙަވާލުކުރައްވާފައެވެ. އަދި ސަނަދު ޙާސިލްނުވާ ދަރިވަރުންނަށް 2022ވަނަ އަހަރުގެ ޖަނަވަރީމަހުގައި އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ކައިރި ރަށްރަށުން އިމާމުންނާއި ޚަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ޙައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ޚަތީބުން ތަމްރީނުކުރުން މައިގަނޑު މަޤްޞަދެއްކަމުގައި ނިންމައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޚުޠުބާ ކިޔާނެ ގޮތާއި ތިލާވަތާއި، ނަމާދުގެ ފިޤުޙު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ވަނީ ދީފައެވެ.

މިތަމްރީނު ޕްރޮގްރާމްގައި ސަނަދު ޙާސިލު ކުރެއްވި ބޭފުޅުންނާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިިިިިިި ޕްރޮގްރާމަކީ، މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.ޢަބްދުﷲ މައުސޫމްގެ އެދިވަޑައިގަތުމުގެ މަތިން ފަރުމާކުރެއްވި ޕްރޮގްރާމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި، ޢިލްމުވެރިންގެ ބުރަ މަސައްކަތުން މިޕްރޮގްރާމްގައި އުނގަންނަވައިދެއްވި ޢިލްމާއި، ދެއްވި ތަމްރީނުތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ހަޤީޤީ ކާމިޔާބެވެ. ހަމައެހެންމެ މިފަދަ އިތުރު ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެދިވަޑައިގެންފިނަމަ ކުރިޔަށްގެންދިއުމަށް ތައްޔާރުވެެގެން ހުންނެވިކަމަށްވެސްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިޕްރޮގްރާމުން ދަސްވެނިވި ފަރާތްތަކަށް އެމީހުންނަށް ނަމޫނާއަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިމަށް ޑރ.ޢަބްދުﷲ މައުސޫމު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގާ ރިސޯޓުތަކުގެ އިމާމުންނަށް މި ދާއިރާއިން އިތުރަށް ތަޢުލީމާއި ތަމްރީނު ޙާސިލުކުރުމަށް މަގުފަަހިކޮށްދެއްވާނެކަމުގައި ދެންނެވިއެވެ. އަދި އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައިވެސް ތިއްބެވުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ރަށްރަށުން އިމާމުން ގެނެސް ރިސޯޓުތަކުގެ މިސްކިތްތަކުގައި ނަމާދުކުރުމަށް ދަތިތަކާ ކުރިމަތިވުންކަމަށެވެ.

ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓރީ އޮފް އިސްލާމިކު އެފެއާޒުން ގުޅިގެން 01 ޑިސެމްބަރ 2020އިން 2021 ނޮވެންބަރ 10 ހިންގި މި ޕްރޮގްރާމަކީ 09 ބެޗަކަށް ބަހާލައިގެން ހިންގި ޕްރޮގްރާމެކެވެ. ކޮންމެ ބެޗަކަށްވެސް ކިޔަވައިދެއްވީ 1 މަސް ދުވަހަށެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ. މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރީ 109 ބައިވެރިންނެވެ.