ޚަބަރު

މިނިވަންކަން ގެއްލެނީ އެއްބައިވަންތަކަމުގެ ސަފުތައް ރޫޅިގެން


ދިވެހީންގެ މިނިވަންކަން
ގެއްލިފައިވާ ކޮންމެ ދަނޑިވަޅެއްގައި، އެކަން ދިމާވީ އެއްބައިވަންތަކަމުގެ
ސަފުތައް ރޫޅިގެން ދިއުމުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު
ވިދާޅުވެއްޖެއެވެ.



ދިވެހިންގެ
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވެވި ޖަލްސާ
ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު
ވަނީ، އެއްބައިވަންތަކަމާއި
މިނިވަންކަމާ ގުޅި ލާމެހިފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.



އެމަނިކުފާނު ވިދާޅުވީ،
ދިވެހީންގެ މިނިވަންކަން ގެއްލިފައިވާ ކޮންމެ ދަނޑިވަޅެއްގައި، ޤައުމު
އަޅުވެތިކަމުގެ ތެރެއަށް ވެއްޓިފައިވަނީ، އެއްބައިވަންތަކަމުގެ ސަފުތައް ރޫޅި،
ބޭރު ޤައުމުތަކުގެ މީހުންނަށް ދިން ދަޢުވަތުގެ ސަބަބުން ދެވޭ
ޙަމަލާތަކުންކަމަށެވެ.



މީގެ ކުރިން ދެވިފައިވާ
ޙަމަލާތަކާއި މިހާރު ދޭ ޙަމަލާތައް ތަފާތުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކުން މިހާރު ބޭނުންކުރަމުންދަނީ
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ފާސްކޮށްފައިވާ އެކިއެކި ޤަރާރުތަކާއި،
އިޤްތިޞާދީ ނުފޫޒުކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަރާތްތަށް ބޭނުންވާ
ގޮތަށް ސިޔާސަތުތައް ލެންބުވުމަށާއި، އެފަރާތްތަކުގެ ހަމަތައް ރާއްޖެއަށް
ވެއްދުމަށް މިހާރުވެސް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވިއެވެ. ހޯމް މިނިސްޓަރ
ތުހުމަތުކުރެއްވި ގޮތުގައި އެކުވެރި ބައެއް ޤައުމުތަކުން ރާއްޖެއާ ދެކޮޅަށް
ޤަރާރުތައް ފާސްކުރަނީ، ރާއްޖޭގައި ޑިމޮކްރަސީގެ ހަރުދަނާކަން ކުޑަވެގެން ނޫނެވެ.



ދުނިޔޭގެ އެކި
ސަރަޙައްދުތަކުގައި މީހުން ޤަބޫލުކުރާ ޤަބޫލުކުރުންތައް ތަފާތުވާނެކަން
ފާހަގަކުރައްވައި، ދިވެހިން
ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކެއް އޮންނަކަމަށާއި އެކަންތަކަށް އެހެން ޤައުމުތަކުން
އިޙްތިރާމު ކުރަންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރގެ ވާހަކަފުޅުގައި
ފަހުގެ ތާރީޚަށް ބަލާއިރު އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ރޫޙު
ގެއްލިފައިވާކަން ފާހަގަކުރައްވައި، ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންގެ ފަރާތުން
ފެނުނު ފަދަ އަމިއްލައަށް އިސްނަގައިގެން ކަންކަންކުރުމުގެ ރޫޙު އަނބުރާ ގެނެސް، އެ ރޫޙު އަށަގަންނުވަންޖެހޭ ކަމަށް ވިދާޅުވިއެވެ.  އަދި އެއްބައިވަންތަކަމުގެ ސަފުތައް ސީދާކޮށް
ގުޅުން އާކުރުމަށް ގޮވާލެއްވިއެވެ.



މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ
ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންގެ ކިބައިން ފެނިގެންދިޔަ އެއްބައިވަންތަކަމާއި
އެކުވެރިކަން ނައްތާލުމަށް މަދުބަޔެއް މަސައްކަތް ކުރަމުންދިޔަކަމަށެވެ.



މިޖަލްސާގައި ވަނީ ސުނާމީގައި މަރުވެދިޔަ މީހުންގެ
ހަނދާނުގައި ސުކޫތެއް ގެންނަވާފައެވެ. އަދި ޚާއްޞަ ދުޢާއެއް ކުރެއްވިއެވެ.



ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ
ގުޅުވައިގެން ބޭއްވެވި ޖަލްސާގައި ދުވަހާ ގުޅޭ ޚާއްޞަ ލަވައެއްވެސް ވަނީ
ހުށަހަޅައިދީފައެވެ.



ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26
ވަނަދުވަހު،
ކުރިމަތިވި ސުނާމީ ކާރިސާއަށް އިއްޔެ ވަނީ 11 އަހަރު ވެފައެވެ. ސުނާމީ
ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. އަދި 4 ރަށެއް
އެއްކޮށް ހަލާކުވިއިރު، 23 ރަށަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.