ކުޅިވަރު

ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ލިވަޕޫލް ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ ގައި ލިވަޕޫލާއި އޭސީ މިލާން ބައްދަލުކުރިމެޗް ކާމިޔާބުކޮށް ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. އަދި މިކާމިޔާބީއާއެކު ލިވަޕޫލް ވެފައިވަނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބު ކުރެވުނު އިނގިރޭސި ފުރަތަމަ ޓީމަށެވެ.
މިލާންގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. އަދި ދެވަނަ ބުރަށް ދަތުރުކޮށްފައިވުމުން ލިވަޕޫލުން މިމެޗަށް ގިނަ ބަދަލުތަކެއްވެސް ގެނެސްފައިވެއެވެ. ނަމަވެސް މިބަދަލުތަކާއެކުވެސް މިމެޗްގައި މޮޅަށް ކުޅުނީ ލިވަޕޫލެވެ. ދެވަނަ ބުރަން ދިއުމަށްޓަކައި މިމެޗުން ކޮންމެހެން މޮޅުވުން މަޖްބޫރިވި މިމެޗްގައި މިލާނުން ފެށުން ދިޔައީ ވަރަށް ރަނގަޅަށެވެ. މިގޮތުން މެޗްގެ 28 ވަނަ މިނެޓްގައި މިމެޗްގެ ލީޑު އެންމެ ފުރަތަމަ ނެގީވެސް މިލާނުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފިޔާކޯ ޓޮމޯރީއެވެ. ނަމަވެސް މިލަނޑު މިލާނުން ކާމިޔާބުކުރިތާ 7 މިނެޓް ފަހުން ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑާއެކު ސަލާހް ވެފައިވަނީ އިއާން ރަޝް އަށްފަހު ޖެހިޖެހިގެން ފަސް ސީޒަންގައި 20 ލަނޑު ކާމިޔާބުކުރި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިއާއަށް ވެފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުން ތެރިޔާ އަށެވެ. އޭނާ މިވަނީ މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމެޗްގައި ލިވަޕުލް މޮޅުވި ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ ޑިވޮކް އޮރީގީއެވެ. މިލާނުން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށް މިވަނީ ކުޅުނު ހަމެޗު ވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ލިބިފައެވެ. މިއީ މުބާރާތް ފެށުނު އިރު އެންމެ އުނދަގޫވާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދިޔަ ގްރޫޕްގައި ލިވަޕޫލަށް މާބޮޑު އުނދަގޫތަކެއް ކުރިމަތިވި ތަނެއް ފެނިގެނެއް ނުދިޔައެވެ. މިގްރޫޕުމް ދެވަނައަށް ދިޔައީ 7 ޕޮއިންޓާއެކު އެޓްލެޓިކޯ މެޑްރިޑެވެ. އަދި ގިނަ އަހަރު ތަކެއްގެ މެދު ކެނޑުމަށްފަހު ޗެމްޕިއަންސް ލީގަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މުބާރާތުގައި މިލާން ދިޔައީ ގްރޫޕްގެ އެންމެ ފުލަށެވެ.