ވިޔަފާރި

އެމްއެމްޕީއާރުސީއާއިއެކު 14 ކުންފުންޏަކުން ފްރާންސްގައި ރާއްޖެ އިޝްތިހާރުކުރަނީ


ފްރާންސްގައި ކުރިއަށްދާ ގްލޯބަލް ލަގްޒަރީ އިވެންޓް އައިއެލްޓީއެމް ކޭންސް 2021 ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ޓްރޭޑް ޝޯ ކުރިއަށް ދާނީ މި މަހުގެ 6 އިން 9 އަކަށެވެ.

ފްރާންސްގައި ކުރިއަށްދާ އައިއެލްޓީއެމް ކޭންސް 2021 އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުކޮށް، މަޝްވަރާތަކާއި، ނެޓްވޯކް ކުރުމުގެ އިތުރުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމަށް މި ހަރަކާތުގެ ޒަރިއްޔާއިން ފުރުސަތު ލިބެއެވެ. މިއަހަރު އައިއެލްޓީއެމް ކޭންސްއަށް 95 ޤައުމަކަށް ނިސްބަތްވާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ.

އެމްއެމްޕީއާރުސީއާއެކު އައިއެލްޓީއެމް ކޭންސް 2021 ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 14 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. މި ޓްރޭޑް ޝޯ ގައި ބައިވެރިވުމުގެ މަޤްސަދަކީ ދުނިޔޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަދި މިފަދަ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކާއި ބައްދަލުކޮށް، ރާއްޖެއިން މި ސެގްމެންޓަށް ދޭ ޚިދުމަތްތަކާއި، ތަފާތު ތަޖުރިބާތައް އެ ފަރާތްތަކާ ހިއްސާކުރުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފްރާންސާއި އެހެން ޤައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމެވެ.

މިއީ ފްރާންސްގެ މާކެޓަށް އެމްއެމްޕީއާރުސީން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ބައިވެރިވާ ހަރަކާތެކެވެ. އައިއެލްޓީއެމް 2021 ގައި ބައިވެރިވުމުގެ ސަބަބުން ފްރާންސް އަދި ދުނިޔޭގެ އެހެން މާކެޓުތަކުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.