ކުޅިވަރު

އަފްޣާނާއި ދެކޮޅަށް ކުޅުންތެރިން ތައްޔާރު – ނާއްޓޭ


ސާފް ސުޒުކީކަޕްގައި މާދަމާ އަފްޣާނިސްތާނާއި ދެކޮޅަށް ނިކުންނަންވެސް ހުރިހާ ކުޅުންތެރިން ތައްޔާރުކަމަށް ބަނގްލަދޭޝް ކޮޅަށް ތިންވަނަ ލަނޑު ޖެހި އަހުމަދު ނާޝިދު ( ނާއްޓޭ ) ބުނެފިއެވެ. ޞަރަހައްދުގައިވެސް ހުރި އެންމެ ހަލުވި އެއް ކުޅުންތެރިޔާ ބުނީ ޓީމް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ." ހުރިހާ ކުޅުންތެރިންވެސް މާދަމާގެ މެޗަށް ތައްޔާރު. " ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ވާހަކަދައްކަމުން ނާޝިދު ބުންޏެވެ. ބަނގްލަދޭޝް ކޮޅަށް ދެވަނަ ލަނޑު ޖަހަން މަގުފަހިކޮށްދީ، ތިންވަނަ ލަނޑު ޖެހީ ނާޝިދުއެވެ.މިހާރު މެދުތެރެއަށް ކުޅެމުން އަންނަ އަލީ ފާސިރު ( ސެންޓޭ ) ބުނީ ކުޅުންތެރިންގެ އަޒުމް ވަރުގަދަ ކަމަށާއި، ޓީމް އޮތީ ތައްޔާރަށްކަމަށެވެ." ކުޅުންތެރިން ތިބީ މޮޅުވުމުގެ އަޒުމުގައި، ތައްޔާރަށް." ފާސިރު ބުންޏެވެ.ޢާއްމުކޮށް އަރިމަތިން ކުޅޭ ފާސިރު މިމުބާރާތުގައި މެދުތެރެއަށް ކުޅުވާތީ ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ އެއީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، މެދުތެރެއަށް ފިޓްވާންވެސް ޓްރެއިނިންގ ކޭމްޕްގައި ވަގުތު ލިބުނު ކަމަށެވެ." ވަގުތުވެސް ލިބުނު ޓްރެއިނިންގ ކޭމްޕްގައި. ކޯޗު ބުނުމުން މެދުތެރެއަށްވެސް މިކުޅެނީ ކުޅޭހިތުން. " މިދިޔަ ދެމެޗުގައިވެސް ކުޅުނު ސެންޓޭ ބުންޏެވެ.ގްރޫޕްގެ އެއްވަނަ ހޯދުމަށް ރާއްޖެ މާދަމާ ނިކުންނާނީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. ރާއްޖެ ގަޑިން 18:00 ގައި ފަށާ މެޗުން މޮޅުވެގެން މެނުވީ ރާއްޖެއަށް ގްރޫޕްގެ އެއްވަނައެއް ނުލިބޭނެއެވެ. އެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.