ދުނިޔޭގެ ވިޔަފާރި

ކޯވިޑަށްފަހު އޭޝިއާ ސަރަޙައްދުގެ ވައިގެ ދަތުރުތައް މަޑުޖެހިފައި


ކޯވިޑް-19އާ ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން އިޔާދަކުރުމުގައި އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ވައިގެ ދަތުރުތަކާބެހޭ ބައިނަލްއަޤްވާމީ އެސޯސިއޭޝަން އަޔާޓާއިން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓުތައް ބުނާގޮތުން ކޯވިޑުގެ ކުރީގެ ޙާލަތާ އަޅާބަލާއިރު އޭޝިއާ ސަރަޙައްދުގެ ވައިގެ ދަތުރުތައް އަދިވެސް ހުރީ 90 އިންސައްތައަށް ވުރެ ދަށުގައެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ސަރަޙައްދެއް އަޅާކިޔާއިރު ވައިގެ ދަތުރުތަކަށް އެދެވޭ ކުރިއެރުމެއް ނާންނަ ހަމައެކަނި ސަރަޙައްދަކީ އޭޝިއާ ޕެސިފިކް ޤައުމުތައްކަމަށް އަޔާޓާގެ ރިޕޯޓުތަކުން ހާމަކުރެއެވެ.

ރިޕޯޓުތައް ބުނާގޮތުން 2019ގެ އޮކްޓޯބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރުމަހު އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ދަތުރުތައް ވަނީ 93.1 އިންސައްތަ ދަށުގައެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހު މި ޢަދަދު 92.8 އިންސައްތައިގައި ހުރިއިރު، މިއީ ފާއިތުވި 2 އަހަރުވެސް މި ޢަދަދުތައް ގާތްގަނޑަކަށް ހުރި ހިސާބުކަމަށް އަޔާޓާއިން ހާމަކުރެއެވެ. މިއަހަރުގެ ސެޕްޓެމްބަރާ އަޅާބަލާއިރު އޮކްޓޯބަރުގައި އޭޝިއާ ސަރަޙައްދުގެ އެއަރ ޓްރެފިކް މައްޗަށްޖެހިފައިވަނީ އެންމެ 0.3 އިންސައްތައެވެ. ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު ކޯވިޑަށްފަހު މެދުއިރުމަތީގެ އެއަރލައިންތަކަށް އޮތް ޑިމާންޑަށް 7 އިންސައްތަ މައްޗަށްޖެހިފައިވާއިރު ޔޫރަޕުގެ ދަތުރުތަކަށް އޮތް ޑިމާންޑް ވަނީ 6 އިންސައްތަ މައްޗަށް ޖެހިފައެވެ. ފާއިތުވި ދެއަހަރު މެދުއިރުމަތީގެ އެއަރ ޓްރެފިކް ދަށަށްގޮސްފައިވަނީ 60.3 އިންސައްތައަށެވެ. އަދި ޔޫރަޕުގެ މި ޢަދަދު ހުރީ 50.6 އިންސައްތައިގައެވެ. މި މުއްދަތުގައި ލެޓިން އެމެރިކާއިންވެސް ވަނީ ވައިގެ ދަތުރުތަކުގައި 6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ވައިގެ ދަތުރުތައް ނިޞްބަތުން މިހާ ނާޒުކު ފައްތަރެއްގައި ވަނިކޮށް، ކޯވިޑްގެ އައު ވޭރިއެންޓް އޮމިކްރޯން ފެތުރެންފެށުމުން ބައިނަލްއަޤްވާމީ ދަތުރުތައް ހުއްޓާލުމަށް ޤައުމުތަކުން ނިންމަމުންދިއުމާއި ގުޅިގެން މިސަރަޙައްދުގެ އޭވިއޭޝަނަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އަޔާޓާއިން ލަފާކުރެއެވެ.

އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް ވިލީ ވޮލްޝް ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމުޢީއްޔާއިން ދޭ އިރުޝާދުތައް ބަލަންޖެހޭ މިންވަރަށް ނުބަލައި ޤައުމުތަކުން ވައިގެ ދަތުރުތައް މެދުކަނޑާލުމަށް ނިންމަމުންދިއުމަކީ މިދާއިރާ ކޮޅަށްޖެހުމުގައި އޮތް ބޮޑު ޖޮންޖެހުމެއްކަމަށެވެ. އަދި ޤައުމުތަކުން ނުރަނގަޅު ނިންމުންތައް ނިންމާކަމަށް ވިދާޅުވެ ވޮލްޝް ވިދާޅުވީ މިކަމުގެ އެއް ހެއްކަކީ ދަތުރުތައް ހުއްޓާލުމުންވެސް މަދު ދުވަސްތަކެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ބައްރުތަކަށް އޮމިކްރޯން ފެތުރިފައިވުން ކަމަށެވެ.

އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބައިނަލްއަޤްވާމީ ގިނަ ދަތުރުތައް ގުޅެނީ ފަތުރުވެރިކަމުގެ ދާއިރާއާއި ނަމަވެސް، ކޯވިޑް-19 އަށްފަހު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެންދަތުރުތައް ކުރުން މި ސަރަޙައްދުގެ ގިނަ ޤައުމުތަކުން މިހާރުވެސް މަނާކޮށްފައިވާކަން އަޔާޓާއިން ފާހަގަކުރެއެވެ.