ޚަބަރު

ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ޗައިނާގެ އިސް ވަފުދެއް


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް
ބްރިޖް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ޗައިނާ ސަރުކާރުގެ
އިސް ވަފުދެއް ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން
ވިދާޅުވެއްޖެއެވެ.



ޗައިނާއިން އަންނަ މަތީފެންވަރުގެ
ވަފުދުގެ އިތުރުން ބްރިޖްގެ މަސައްކަތް ޙަވާލުކުރާ ޗައިނާ ކުންފުނީގެ އެންމެ
އިސްބޭފުޅުންވެސް ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.



ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމުގެ
އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން، ކަނޑުއަޑީގެ ޙާލަތު މޮނިޓަރކުރާ
ސެންސަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް
ކުރިއަށް ގެންދަނީ، ބްރިޖުގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ހާބަރ
އިންޖިނިއަރިންގ ކުންފުންޏާއި ހައުސިންގ މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފުން ގުޅިގެނެވެ.




މީގެ އިތުރުން، ބްރިޖުގެ
ތަނބުތައް ޖެހުމުގެ ކުރިން ކަނޑުއަޑީގައި ނަގަންޖެހޭ މިންތައް ނެގުމަށް ކުރަންޖެހޭ
މަސައްކަތްވެސް މިހާރު ކުރިއަށް އެބަދެއެވެ.



ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް
ބްރިޖާއެކު މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މީގެތެރޭގައި
މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ބައެއް މަގުތަކުގައި ތާރު އެޅުންވެސް
ހިމެނެއެވެ.



މިހާރު ހަމަޖެހިފައިވާގޮތުން
ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައިވަނީ،
މި މަހުގެ 30 ވަނަ ދުވަހުގެރެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް މާލޭގެ ސައިޓް ހެދުމަށް ލޮނުޒިޔާރަތްކޮޅުން
ބޮޑު ސަރަޙައްދެއް މިހާރު ވަނީ ބަންދުކޮށްފައެވެ.