ޚަބަރު

ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު ރަސްމީ މަޝްވަރާތައް ފަށައިފި


ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވޯކިން ގްރޫޕާއި ރާއްޖެއާއި ދެމެދު އޮންނަ އިޤްތިސާދީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭގޮތުން ރަސްމީ މަޝްވަރާތައް މިއަދު ފައްޓަވައިފިއެވެ.މި މަޝްވަރާތަކުގައި ރާއްޖެ ތަމްސީލުކުރައްވަނީ، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ. ޗައިނާގެ ޔުނާން ޕްރޮވިސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ މި މަޝްވަރާތައް ކުރިއަށްދަނީ ހޮޓެލް ޖެންގައެވެ. މި މަޝްވަރާތައް ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޚާއްސަ އަޙައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭ، ދެޤައުމުގެ ދެމެދު ވެފައިވާ އެކިކަހަލަ ވިޔަފާރީގެ އެއްބަސްވުންތަކާއި، ގުޅުންތަކުގެ ސަބަބުން ދެ ޤައުމުގެ އިޤްތިސާދަށްވެސް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން، ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާއާއި ދެމެދު ބަދަހިވަމުން އަންނަނީ ވިޔަފާރީގެ ގުޅުންތައް އެކަނި ނޫންކަމަށާއި، ޙާރިޖީގޮތުންވެސް ބަދަހި ގުޅުމެއް ދެޤައުމުގެ ދެމެދު އުފެދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.