ޚަބަރު

އަމާޒަކީ 3 އަހަރުތެރޭގައި ފަންނީ ތަމްރީން ލިބިފައިވާ 100 ދިވެހިން ބިނާކުރުން: އެމްޓީސީސީ


ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021 "ގެ ދަށުން، މީހުން ތަމްރީން ކުރުމަށްޓަކައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެމްޓިސީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާއީލެވެ. މި އެއްބަސްވުން ތަންފީޒު ކުރެވޭނީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑެވެލޮޕްމަންޓް އޮތޯރިޓީއިން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގެ މިންގަޑުތަކާއި ސަރުކާރުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއް ގޮތަށް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. 2 ބަޔަކަށް ބަހާލައިގެން ކުރިއަށްދާ މިޕްރޮގްރާމުގައި ހިމެނެނީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. އެގޮތުން މިހާރު މިފެށޭ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން 3 އަހަރުގެ މުއްދަތަކަށެވެ. އެމްޓީސީސީގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުމެވެ. މިއަހަރު މި ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ، ވެލްޑިންގް، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށާއި، އަދި ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސާދޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އަދި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚަރަދުވެސް
ދޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.