ޚަބަރު

ކޯވިޑުގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 255އަށް


ކޯވިޑު ބަލީގައި ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކޯވިޑުގައި ރޭ ނިޔާވި 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މިމީހާއަކީ އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދިޔަ މީހެއްކަމަށެވެ.

ކޯވިޑްގައި ރޭ ނިޔާވި މީހާއާއެކު މިޑިސެމްބަރު މަހުގެ މިހާތަނަށް 5 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. މީގެ ތެރެއިން 4 މީހުންނަކީ އަތޮޅުތެރޭގެ ކޯވިޑް ފެސިލިޓީތަކުގައި މިބައްޔަށް ފަރުވާ ހޯދަމުން އައިމީހުންނެވެ.

މިއާއެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދުވަނީ 255 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންމެ ދުވަހެއްގެ އަދަދުތަކަށް ބަލާއިރުވެސް ގިނައީ އަތޮޅުތެރެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންނެވެ. ރާއްޖޭގެ ކޯވިޑްގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް 92211 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު މީގެ ތެރެއިން 90،205 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 1،739 މީހަކު ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 19 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.