ޚަބަރު

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރާނަން: ރައީސް


ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފެރިދޫ ކައުންސިލާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ހެދުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވާކަމަށާއި އައު މިސްކިތެއްގެ އިތުރުން ޒުވާނުންނަށް ޚާއްޞަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެފަދަ މަރުކަޒެއް ބިނާކުރުމާއި އަދި އެރަށުގައި ހުންނަ އއ.އަތޮޅު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިތުރުކުރުމާއި އެޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެރިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ބަނދަރުގެ މަސައްކަތާއެކު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ކަމާގުޅޭ މިނިސްޓްރީތަކާއި މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.