ޚަބަރު

އަޑުގެ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހާއްސަ ކޭމްޕެއް


ދިވެހިރާއްޖޭގެ އަޑުގެ 53 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއީ، ދިވެހިރާއްޖޭގެ އަޑާއި މޯލްޑިވްސް ބްލަޑް ސާރވިސަސް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ކޭމްޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މާދަމާ ހެނދުނު 9:00 އިން ފެށިގެން ހަވީރު ފަހެއް ޖަހަންދެން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައެވެ. ލޭ ހަދިޔާ ކުރުމުގެ ފުރުޞަތު ރޭޑިއޯގެ އެހުންތެރިންނާއި، ހެޔޮއެދޭ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރ ޕްރޮޑިއުސަރ މަރިޔަމް އާތިފާ އަދުނާން ވިދާޅުވީ، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުވެސް ނަން ނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ނަން ނޯޓް ކުރުމަށް 3000210 އަދި 7999082 ނަންބަރަށް ގުޅުމުން ލޭ ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް އާތިފާ ވިދާޅުވިއެވެ.



މި ކޭމްޕަށް ހަދިޔާކުރާ ލޭ، ތެލެސީމިއާ
ކުދިންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތުދެއެވެ.

ލޭ ހަދިޔާ ކުރުމަކީ،
އިންސާނިއްޔަތަށްޓަކައި ވެވޭ ވަރަށް ބޮޑު ޞަދަޤާތެކެވެ. ހަދިޔާ ކުރެވޭ ކޮންމެ ލޭ
ތިއްކަކުންވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެއެވެ.



ދިވެހިރާއްޖޭގެ
އަޑުގެ އަހަރީ ދުވަހަކީ ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހެވެ. އަހަރީ ދުވަހާއި
ގުޅިގެން އިއްޔެ ދިވެހިރާއްޖޭގެ އަޑުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައިވެއެވެ. މީގެ އިތުރުންވެސް އަޑުގެ އަހަރީ ދުވަހާއި ގުޅިގެން ވަރަށް ހާއްސަ އިތުރު ޙަރަކާތްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.