ޚަބަރު

ނައިބް ރައީސް، އިންޑިޔާ ފައުންޑޭޝަނާއި އައި.އެން.އެސް.އެސްގެ އިސްވެރިންނ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންޑިއަން އޯޝަން ކޮންފަރެނެސް 2021ގެ ހަވާސާގައި، އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައި.އެން.އެސް.އެސް) ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ރޯހަން ގުނަރަތްނަ އާ ބައްދަލުކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަބޫދާބީގައި ވަކިވަކިން ބޭއްވެވި ދެ ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދެބޭފުޅުންނާއެކު ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި ކޮވިޑް-19އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުންފަދަ ތަފާތު އެކި މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ގިނަ ޤައުމުތައް ޝާމިލުވާ ބައިނަލްއަޤްވާމީ އެކި މައްސަލަތައް ޙައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2021ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.