ޚަބަރު

އޭސީސީގެ މެމްބަރުކަމަށް ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމުގެ މަޤާމަށް ހުޅުވާލައިފިއެވެ.

އޭސީސީގެ މެމްބަރުކަމަށް ހުޅުވާލާފައިވަނީ ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އަލީ އަޝްރަފް މިމަހުގެ 2 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭތީ މަސައްކަތް ނުކުރެވޭ މެމްބަރުން ބަލައި، އޮޑިޓެއް ހެދުމަށްފަހު މަޤާމުން މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ފަށާފައެވެ.

ނަމަވެސް އަޝްރަފް އިސްތިއުފާ ދެއްވީ ކޮމިޓީން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ނޫންކަމަށާއި، އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭސީސީގެ މެމްބަރުކަމަށް ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 16 ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މިނިވަން ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރަނީ އެމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމުން އެނަމެއް ފާސްކުރުމުންނެވެ.