ޚަބަރު

އިންޑޮނޭޝީޔާގައި އަލިފާން ފަރުބަދައެއް ގޮވައި ބޮޑު ކާރިޘާއެއް


އިންޑޮނޭޝިޔާގައި އަލިފާން ފަރުބަދައެއް ގޮވައި 13 މީހުން މަރުވެ ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެއްޖެއެވެ.

ސެމެރޫއަކީ އިންޑޮނޭޝިޔާގެ ޖާވާގައި ހުންނަ އެންމެ ބޮޑު އަލިފާން ފަރުބަދައެވެ. އެ ފަރުބަދަ ކުއްލިއަކަށް ގޮވުމުން ވަށައިގެންވައި އަވަށްތައްވަނީ އަޅިން ފޮރުވިފައެވެ. އެއާއެކު އެތައް ހާސް މީހުންނެއްވަނީ އަވަށްތައް ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައެވެ.

އިންޑޮނޭޝިޔާގެ ކާރިޘާތަކާބެހޭ ވުޒާރާއިން ބުނީ އަލިފާން ފަރުބަދަ ގޮވުމުން 100އެއްހާ މީހުންނަށް އަނިޔާވެފައިވާކަމަށާއި 900އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާކަމަށެވެ. އެ ވުޒާރާއިން ބުނެފައިވަނީ ޒަޚަމުވި ގިނަ މީހުންގެ ހަށިގަނޑުގެ ތަންތަން ފިހިފައިވާކަމަށާއި އެ މީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. އަދި އެ ސަރަޙައްދުގައި ތާށިވެފައިވާ މީހުންނަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.