ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ އަމާޒުތަކަށް ވާސިލްވެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު: ތައްޔިބު


ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިއަހަރު ކަނޑައަޅާފައިވާ 1 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒަށް ވާސިލްވެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ތައްޔިބު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން ކޮޅަށް ޖެހުމަށްޓަކައި ވަރަށް ސީރިއަސްކަމާއެކު މަސައްކަތް ކުރެއްވިކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑެތި މާކެޓްތައްކަމަށްވާ ޔޫރަޕް، ޗައިނާ އަދި ޖަރުމަނު ފަދަ ޤައުމުތައް ބަންދުކޮށްފައި އޮތް ދުވަސްވަރެއްގައި އެހެނިހެން ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އެތެރެކުރުމަށް ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން 1.1 މިލިއަން ފަތުރުވެރިން ރާއްޖެ އައުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ތައްޔިބު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބާރަކަށްވި އެންމެފަހުން ބޭއްވުނު ޑަބްލިއުޓީއެމް ފެއަރގައި، އަޅުގަނޑުމެން ވަރަށް ގިނަ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާއި އެއްކޮށް ގޮސް އެތާގައި ދިވެހިރާއްޖެ ރަމްޒުކޮށްދޭން ތިއްބާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގެންދެއްވިކަން. އޭގެން ދައްކާދިނީ ދިވެހިރާއްޖެ ހަމަ ވަރަށް ސީރިއަސްއޭ މި އިންޑަސްޓްރީއާ މެދު. " އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވި ދަތިތަކާއިއެކުވެސް އެކަންކަން ހައްލުކުރުމަށްޓަކައި މުޅި މާކެޓިންގ ސްޓްރެޓެޖީ ބަދަލުކޮށް އެ އިންޑަސްޓްރީން ވަނީ ހުއްޓާނުލާ މަސައްކަތްކޮށްފައެވެ. އެގޮތުން ވެބިނާތަކާއި، ރޯޑު-ޝޯތަކުގެ އިތުރުން ފެއަރތައް ވަނީ އޮންލައިން ޕްލެޓްފޯމްގައި ކުރިއަށް ގެންގޮސް ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކޮށްފައެވެ. މީގެއިތުރުން މިއަހަރު ތެރޭގައި 30 ފޭމް ޓްރިޕެއް ވަނީ ހިންގާފައެވެ. މި ޓްރިޕްގެ ދަށުން މީޑިއާގެ ގްރޫޕްތަކާއި ޓްރެވަލް އޭޖެންޓްސް ގްރޫޕްތަކުން ރާއްޖެ އައިސް އެހެނިހެން ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުން ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލު އެއްތަނަށް ރާއްޖެ ވެފައިވާއިރު، ދިވެހިރާއްޖެއަށް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑްވެސް ލިބިފައެވެ. އެގޮތުން މިއަހަރުވެސް ބައިނަލްއަޤްވާމީ ގޮތުން 13 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ.