ކުޅިވަރު

ފަހަތުންއަރައި ވޭސްޓު ހޭމުން ޗެލްސީ ބަލިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުންއަރައި 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާއުފައްދާފައި ވަނީ ޗެލްސީންނެވެ. މިގޮތުން މިމެޗްގެ ލީޑު މެޗްގެ 28 ވަނަ މިނެޓްގައި ނަގާފައިވަނީ ޗެލްސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ތިއާގޯ ސިލްވަރއެވެ. މިމެޗްގައި ވެސްޓް ހޭމްގެ ފުރަތަމ ލަނޑު ޖަހާ އެއްވަރު ކުރީ މެޗްގެ 40 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މެނުއެލް ލަންޒީނީއެވެ. ލަންޒިނީ ޕެނަލްޓީ ކާމިޔާބުކުރިތާ ހަތަރު މިނެޓް ފަހުން ޗެލްސީގެ މޭސަން މައުންޓް ވަނީ ލަނދެއް ޖަހާ މެޗްގައި ދެވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މިމެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ވެސްޓް ހޭމްއިން އެއްވަރު ކުރީ މެޗްގެ 56 ވަނަ މިނެޓްގައި ޖަރޮޑް ބޮވެންއެވެ. އަދި މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ވެސްޓް ހޭމް މިމެޗުން މޮޅުވި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހައިދިނީ އަރތަރ މަސުއާކޫއެވެ. މިލަނޑު ވީ ދަނޑުގައި ތިބި ސަޕޯޓަރުންގެ އިތުރުން މަސުއާކޫއަށްވެސް ހައިރާންކަން ގެނުވި ލަނޑަކަށެވެ. މަސުއާކޫ ގޯލް ކުރިމައްޗަށް ހުރަސްކޮށްލަން ޖެހި ބޯޅައަށް ޗެލްސީގެ ކީޕަރ އެޑުއާޑޯ މެންޑީއަށް ރަނގަޅަށް ނުވިސްނި ހުއްޓާ މިސްރާބު ބަދަލުވެ އޭނާއަށް ބޯޅައަށް ރަނގަޅަށް ވިސްނާލެވުނު އިރު އޮތީ މާކައިރިވެފައެވެ. އަދި މަތަކުރަން އަތް ޖެއްސި ނަމަވެސް އެބޯޅަ ގޯލަށް ވަނަ ނުދީ ސަލާމަތް ކުރެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިހާރު އުޅެނީ ކުޅުނު 15 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ޗެލްސީ ވަނީ މިމެޗުން ބަލިވުމުން 33 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ.