ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕްގެ 2ވަނަ ބުރަށް އެމްއޭސީއެލް، އުރީދޫ، ވެމްކޯ އަދި ސްޓެލްކޯ


ކުލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރުން އެމްއޭސީއެލް، އުރީދޫ، ވެމްކޯ އަދި ސްޓެލްކޯ ޖާގަ ހޯދައިފިއެވެ. ރޭ އުރީދޫ އާއި އެމްއޭސީއެލް ބައްދަލުކުރި މެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެމްއޭސީއެލްއެވެ. ކަސްޓަމްސްއިން ވަނީ 5 ލަނޑު 1 ލަނޑުން މީޑިއާނެޓްގެ މައްޗަށް ކުރި ހޯދާފައެވެ. ވެމްކޯއިން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ކުރި ހޯދީ 3 ލަނޑު 2 ލަނޑުންނެވެ. ސްޓެލްކޯ 2 ލަނޑު 0 ލަނޑުން ވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ މައްޗަށް ކުރި ހޯދާފައެވެ.

އުރީދޫ އާއި އެމްއޭސީއެލް ބައްދަކުރި މެޗްގައި އެމްއޭސީއެލްގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ޝާފިއު އާއި އަޒްޔާން އިބްރާހިމެވެ. ދެ މެޗުން ބަލިވުމާއި ގުޅިގެން މިމެޗަށް ނިކުތްއިރު ވެސް ކަސްޓަމްސް ވަނީ މުބާރަތުން ކަޓާފައެވެ. ނަމަވެސް އެޓީމުންވަނީ ރޭ މިޑީޔާ ނެޓްގެ މައްޗަށް ކުރި ހޯދާފައެވެ. ކަސްޓަމްސްއިން ޖެހި 5 ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި ހަސަން ނޫރިޝް، އަދި ދެ ގޯލް ކާމިޔާބުކުރި މުމްތާޒް އަބްދުއްރަޝީދެވެ. މީޑިއާނެޓުން ޖެހި ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ އަޒީމް ހަސަނެވެ.

ގްރޫޕް އޭގެ އެއްވަނަ ދިޔަ އެމްއޭސީއެލް އާއި ދެ ވަނައަށް ދިޔަ އުރީދޫ އަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ. ފައިދާ ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ އެމްއޭސީއެލްއަށެވެ. ތިން ވަނައަށް ދިޔަ ކަސްޓަމްސް އާއި ހަތަރަކަށް ދިޔަ މީޑިއާނެޓަށް ވެސް ލިބުނީ 3 ޕޮއިންޓެވެ. ކަސްޓަމްސްއަށް ކުރި ލިބުނީ ލަނޑުގެ ތަފާތުންނެވެ.

ރޭގައި ކުޅުނު ފަހު މެޗްތައް ކާމިޔާބުކޮށްފައިބަނީ ވެމްކޯ އާއި ސްޓެލްކޯއެވެ. ވެމްކޯއިންވަނީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް 3 ލަނޑު 2 ލަނޑުން ކުރި ހޯދާފައެވެ. މިމެޗްގައި ސިޓީ ކައުންސިލުން ދެ ގޯލު ޖެހީ އަހުނަފް ރަޝީދެވެ. ވެމްކޯގެ ގޯލުތައް ޖެހީ ޢަލީ ހާފިޒާއި ޢަބްދުﷲ ޝައްފާނާއި ޢަލީ ޝިޔާހެވެ. މި ގްރޫޕްގައި ސްޓެލްކޯ އިން ޔޫތު މިނިސްޓްރީ ބަލިކުރީ 2 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ލީޑްނަގައި ކުރި ހޯދީ ގައުމީ ޓީމުގެ ގާސިމް ސައްމާމެވެ. ފަހަތުން އަރައި، ސްޓެލްކޯއިންވަނީ ދެ ލަނޑުޖަހައި މެޗް ކާމިޔާބުކޮށްފައެވެ. ސްޓެލްކޯއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ މާއިސްއެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވި ވެމްކޯ ވަނީ 9 ޕޮއިންޓާއެކު ގްރޫޕް ސީގެ 1ވަނަ ހޯދައިފައެވެ. ދެ ވަނަ އަށް ދިޔަ ސްޓެލްކޯ އަށް ލިބުނީ 6 ޕޮއިންޓެވެ. ސިޓީ ކައުންސިލުން 3 ޕޮއިންޓް ހޯދައި އެޓީމް އޮތީ ގުރޫޕްގެ ތިންވަނައިގައެވެ. ޔޫތު މިނިސްޓްރީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

ގުރޫޕް ސްޓޭޖްގެ މެޗްތައް ނިންމާލިއިރުގައި އެމްއޭސީއެލް، އުރީދޫ، ޕޮލިސް ކްލަބް، ޓްރޭޑް ކްލަބް، ވެމްކޯ ސްޓެލްކޯ، ކްލަބް އެޗްޑީސީ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)، ދިރާގު، އެފްއެސްއެމް، ފެނަކަ، ޕްރިޒަން، އެމްޕީއެލް، ދިވެހި ސިފައިންގެ ކްލަބް، އެސްޓީއޯ އަދި އެމްޓީސީ ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މިމުބާރާތުގައި ސައްތައިން ސައްތަ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖުން ދެ ވަނަ ބުރަށް ދިޔައީ ހަތަރު ޓީމެކެވެ. އެއީ ވެމްކޯ، އެޗްޑީސީ، އެމްޕީއެލް އަދި އެސްޓީއޯއެވެ.