ވިޔަފާރި

ޓާކިޝް އެއަރލައިނުން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކޮށްފި


ޓާކިޝް އެއަރލައިނުން ރާއްޖެއަށް ބާއްވާ ދަތުރުތައް އިތުރުކޮށްފިއެވެ.

ޓާކިޝް އެއަރލައިނުން ހަފްތާއަކު އެގާރަ ދަތުރު ރާއްޖެއަށް ބޭއްވުމަށް ނިންމާފައިވާއިރު، މީގެކުރިން އެއަރލައިނުން ރާއްޖެއަށް ބާއްވަމުން އައީ ހަފްތާއަކު 7 ދަތުރެވެ، އެއީ ކޮންމެ ދުވަހަކު އެއް ދަތުރެވެ.

ޓާކިޝް އެއަރލައިނުން މިހާރު މިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، އަނގާރަ، ބުރާސްފަތި އަދި ހޮނިހިރުދުވަހު ރާއްޖެއަށް އިތުރު ދަތުރެއް ބާއްވަން ނިންމާފައެވެ.

ޓާކިޝް އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން ދަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ތުރުކީގެ އިސްތަންބޫލާއި ދެމެދުއެވެ.

ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާއިރު، މި އެއަރލައިނަކީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއަރލައިނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ޓާކިޝް އެއަރލައިންސްގެ ފްލައިޓުތަކުގައި ރާއްޖެއަށް 56712 މީހުން ވަނީ އައިސްފައެވެ.

މިދުވަސްކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށްވުމުން ރާއްޖެއަށް ދަތުރުތައް ބާއްވާ އެއަރލައިންތައް ވަނީ އިތުރުވެފައެވެ. އަދި ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނަ އެއަރލައިންތަކުންވެސް ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު މިދުވަސްކޮޅާ ދިމާކޮށް އިތުރުކޮށްފައެވެ.