ޚަބަރު

އަފްޣާނިސްތާނުން 300އަށްވުރެ ގިނަ މީހުން ފަރަންސޭސިވިލާތުން ގެންގޮސްފި


އަފްޣާނިސްތާނުން 300އަށްވުރެ ގިނަ މީހުން ފަރަންސޭސިވިލާތުން ގެންގޮސްފިއެވެ.

ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ އަފްޣާނިސްތާނުން ސަލާމަތްތެރިކަމާއެކު ގެންގޮސްފައިވަނީ އެ ޤައުމުގެ 258 މީހުންނާއި ފަރަންސޭސިވިލާތުގެ 11 މީހުންނާއި ނެދަލެންޑްސުގެ 60 މީހުންނެވެ. އޭގެ އިތުރުން އެ ވުޒާރާއިން ބުނީ ފަރަންސޭސިވިލާތާ ގުޅުންހުރި ބައެއްވެސް އަފްޣާނިސްތާނުން ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމަކަށް ނިޞްބަތްވާ ބައެއްކަމެއް އެ ވުޒާރާއިން ބުނެފައެއް ނުވެއެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި ގިނަ ޢަދަދެއްގެ ބަޔަކު އަފްޣާނިސްތާނުން ގެންގޮސްފައިވަނީ ޤަޠަރުގެ އެހީތެރިކަމާއެކުއެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ 10ވަނަ ދުވަހުގެ ފަހުން ފަރަންސޭސިވިލާތުންވަނީ އެ ޤައުމުގެ 110 މީހުންނާއި އަފްޣާނިސްތާނުގެ 396 މީހުން އަފްޣާނިސްތާނުން ގެންގޮސްފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތުގެ އަސްކަރިއްޔާއަށް އެހީތެރިވި އަފްޣާނިސްތާނުގެ ރައްޔިތުންނާއި ނޫސްވެރިން ހިމެނެއެވެ. އެ މުއްދަތުގެ ތެރޭގައި ޤަޠަރުގެ އެހީތެރިކަމާއެކު ފަރަންސޭސިވިލާތުންވަނީ 10 މަތިންދާބޯޓެއްގައި އަފްޣާނިސްތާނުން މީހުން ގެންގޮސްފައެވެ.

ޤަޠަރުގެ އެހީތެރިކަމާއެކު ފަރަންސޭސިވިލާތުންވަނީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނާއި ކާބޯތަކެއްޗާއި ފިނި މޫސުމަށް ބޭނުންވާ ސާމާނު އެ ޤައުމަށް ފޮނުވައިފައެވެ. އެމެރިކާގެ އިސްވެ 20 އަހަރުދުވަހު އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯގެ ފައުޖުތަކާއެކު ފަރަންސޭސިވިލާތުގެ ސިފައިން ޙަރަކާތްތެރިވިއެވެ.