ވިޔަފާރި

ޔޫއެންޑަބްލިއުޓީއޯގެ 24 ވަނަ އާންމު ޖަލްސާގައި ޓޫރިޒަމް މިނިސްޓަރ ރާއްޖެ ތަމްސީލު ކުރައްވައިފި


އދ.ގެ ފަތުރުވެރިކަމާއި ބެހޭ ޖަމާޢަތުގެ 24 ވަނަ އާންމު ޖަލްސާގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފިއެވެ. މިނިސްޓަރގެ އަރިހުގައި އެމިނިސްޓްރީގެ ޓީމެއްވެސް ބައިވެރިވިއެވެ.

ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަންގެ އާންމު ޖަލްސާ ބާއްވާފައިވަނީ ނޮވެމްބަރު 30 އިން ޑިސެންބަރު 3 އަށް ސްޕެއިންގެ ވެރިރަށް މެޑްރިޑްގައެވެ. މި ބައްދަލުވުމުގެ ތެރެއިން މިހާރު ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުނެވެ. އަދި ކޯވިޑުގެ އައު ވޭރިއަންޓުތަކަށް ޤައުމުތަކުން އަމަލު ކުރާނެ ގޮތާއި ބެހޭ މަޝްވަރާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރިއަށްވެސް ވޭރިއަންޓު ފެންނާނެ ކަމަށް ލަފާކުރެވޭއިރު، ބޯޑަރު ބަންދު ނުކޮށް ޤައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިއުމުގެ މުހިންމުކަން ގިނަ ޤައުމުތަކުން ފާހަގަ ކުރިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލަކަށް، މިހާރުވެސް ސެކްރެޓަކީ ޖެނެރަލަކަށް ހުރި ޖޯޖިއާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ޒުބާރު ޕޮލޮލިކަޝްވިލީ އައްޔަން ކުރުމަށް މެންބަރު ޤައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓަކުން ވަނީ ނިންމާފައެވެ. އޭނާ މިފަހަރުވެސް 4 އަހަރުގެ ދައުރަކަށް ހޮވިފައިވާއިރު، އޭނާ ފުރަތަމަ އިންތިޚާބު ކުރެވުނީ 22 ވަނަ އާންމު ޖަލްސާގެ ތެރެއިން 2018 ވަނަ އަހަރުއެވެ.

މިފަހަރުގެ އާންމުގެ ޖަލްސާގެ ހަވާސާގެ ތެރެއިން ގިނަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބިލްޑިންގް ފޯ ފިއުޗަރ އިނޮވޭޝަން އެޑިއުކޭޝަން އެންޑް ރޫރަލް ޑިވެލޮޕްމެންޓްގެ ނަމުގައި ތީމެޓިކް ސެޝަނެއްވަނީ ބާއްވާފައެވެ. މި ސެޝަން ފެށުމުގެ ގޮތުން ސްޕެއިންގެ ބޮޑުވަޒީރުގެ އިތުރުން އެ ޖަމާޢަތުގެ އިސްވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ބޭއްވި ޔޫތު މީޓްސް މިނިސްޓަސް ޑިބޭޓުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބަހުސްގައި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތު ތަކުގެ އިތުރުން ހުރި ގޮންޖެހުންތަކަށް ވަނީ އަލިއަޅުވާލާފައެވެ.

ޔޫއެންޑަބްލިއުޓީއޯގެ އާންމު ޖަލްސާއެއް ދެން އޮންނާނީ 2023 ވަނަ އަހަރުއެވެ. މި ޖަލްސާ ބާއްވާނީ އުޒްބެކިސްތާނުގައި ކަމަށް ވަނީ ނިންމާފައެވެ.