ޚަބަރު

މާފަންނުގައި ތަރައްޤީކުރާ އާޓިފިޝަލް ބީޗްގައި ގަސް އިންދައިފި


މާލޭގެ ހުޅަނގު ފަރާތުގައި ހައްދަވާ އާޓިފިޝަލް ބީޗްގައި ހައުސިންގ މިނިސްޓްރީއާއި އެމްޓީސީސީގެ މުވައްޒަފުން އިންދައިފިއެވެ. 

މިގޮތުން ތިންސަތޭކައަށްވުރެ ގަސް އެސަރަޙައްދުގައި އިންދިއެވެ. މި ސަރަޙައްދުގައި މަގޫގަސް އިންދުމުގެ ބޭނުމަކީ ރާއްޖޭގެ
ރަށެއްގެ ގޮނޑުދޮށެއްގެ ސިފަ ވީހާވެސް ބޮޑަށް ގެނައުންކަމަށް ހައުސިންގް މިނިސްޓަރ
ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

މާފާންނުގައި ތަރައްޤީކުރާ އާރޓިފިޝަލް
ބީޗްގެ މަސައްކަތް މުޅިން ނިމޭއިރު، ދުރުން ފެންނާނީ ރާއްޖޭގެ ހިތްގައިމު ރަށެއްގެ މަލަމަތި
ސިފަވާގޮތަށެވެ. އެ ތާނގައި ގިނަޢަދަދެއްގެ ރުކާއި އިތުރު ގަސް އިންދެވުމުގެ
މަސައްކަތްވެސް އަދިވެސް ކުރިއަށް ރޭވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



" އަދިވެސް މަސައްކަތް ނިމެމުންދާވަރަކަށް
އިތުރު ގަސްތައް އިންދިގެންދާނެ. އަދި ބޮޑެތި ގަސްތައް އިންދުމަށްވެސް ވަނީ
ރޭވިފައި." މުއިއްޒު ވިދާޅުވިއެވެ.



އަލަށް ތަރައްޤީކުރައްވާ އާޓިފިޝަލް ބީޗު ސަރަޙައްދުގެ
ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. މިވަގުތު އެންމެ ހަލުވިކަމާއެކު ކުރިއަށް ގެންދަވާ
އެއްކަމަކީ މޫދަށް އެރޭނެ ތަން ހެދުމެވެ. އެގޮތުން ތަނުގެ ވަށައިގެން ބޮޑު ހިލަޖެހުމުގެ
މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. 

ބީޗެއްގެ ސިފަ ގެންނަވަން އެތަނަށް ވެލިއެޅުއްވުމުގެ
މަސައްކަތްވެސް މިހާރު ކުރިއަށް އެބަގެންދަވައެވެ. މާލޭގެ މަލަމަތި މުޅިން ބަދަލުކޮށްލާނެކަމަށް
ބެލެވޭ މި އާޓިފިޝަލް ބީޗް ސަރަޙައްދުގައި، ދެކޮޅުގައި މަސް ބާނަން ޚާއްޞަ ތަނެއް ހެއްދެވުމުގެ
މަސައްކަތްވެސް މިހާރު ކުރިއަށް އެބަގެންދަވައެވެ. އަދި ބާބެކިއު ހެދޭގޮތަށް ހަތަރު
ތަނެއް ހުންނާނެއެވެ.



މި އާރޓިފިޝަލް ބީޗްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
ދާއިރު، އަންނަ މަހުގެ މެދެއްހާތަނުގައި އާއްމުންނަށް ބީޗް
ބޭނުންކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.