ޚަބަރު

މަސްވެރިކަން ތިޔާގިވެ، ދުވަލަކު 800 ޓަނުގެ މަސް


މުޅި ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ މިފްކޯއަށް ބާރު ބޮޑުވެއްޖެއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިން އަންނަނީ 800 ޓަނާ ގާތްކުރާ ޢަދަދަކަށް މަސް ބާނަމުންކަމަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ވިދާޅުވެއެވެ. މިދުވަސްވަރު އެންމެ މަސްވެރިކަން ރަނގަޅުވެފައިވަނީ ދެކުނުގައެވެ.

ރާއްޖޭގެ މަސްވެރިކަން ތިޔާގިވަނީ އެކި ދުވަސްވަރު އެކި ހިސާބަށެވެ. މަސްވެރިކަމާއި އެންވެރިކަން ރަނގަޅު ސަރަޙައްދަކަށް ދަތުރުކޮށް ދިވެހި މަސްވެރިން މަސްބާނައެވެ. ނިމިގެންދާ ހަފްތާގެ ތެރޭގައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ތިޔާގިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ވިދާޅުވީ ބުރާސްފަތި ދުވަހު އެކަނިވެސް ދެކުނުގެ ސަރަހައްދުން 750 ޓަނަށްވުރެ ގިނަ ޢަދަދަކަށް މަސް ބާނާފައިވާކަމަށެވެ. އުތުރުން ހއ.އަތޮޅުން 45 ޓަނަށްވުރެ ގިނަ ޢަދަދަކަށް މަސްބާނާފައިވާކަމަށް މިފްކޯއިން ވިދާޅުވެއެވެ. މީގެތެރެއިން 700 ޓަނާ ގާތްކުރާ ޢަދަދަށް މިފްކޯއިން މަސް ނަގާފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ގިނަ ޢަދަދަކަށް މަސްބާނަމުންދާ މިދުވަސްވަރު މަސް ކިރުމަށްވެސްވަނީ ލޯޑު ބޮޑުވެފައެވެ. އެހެންނަމަވެސް މަސްވެރިން ބާނާ މަސް މިފްކޯއިން ގަންނަމުންދަނީ މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި މިފްކޯގެ މަސްކިރާ ބޯޓު މަހާކަލަމިންޖާއިންނެވެ. ހަމައެކާއެކު ދެކުނުގެ ބައެއް ރަށްރަށުގެ ބަނދަރުންވެސް މަސްގަންނަމުންދާކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެގޮތުން ފަރެސްމާތޮޑާއާއި ފުވައްމުލަކާއި ގައްދޫގެ ބަނދަރުން މިފްކޯއިން އަންނަނީ މަސްކިރަމުންނެވެ. މުޅި ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ ގިނަ ދޯނިތަކުން ބާނާ މަހުގެ ޢަދަދު އެތައް ޓަނަކުން އިތުރުމާއެކު މިފްކޯއިންވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ މަސްވެރިކަމުގެ 2 ކުންފުންޏަކާ ގުޅިގެން މަސްވެރިންގެ އަތުން މަސްގަތުމުގެ މަސައްކަތްވެސްކުރަމުންނެވެ.

ރާއްޖޭގެ މަސްވެރިކަމާ ގުޅޭގޮތުން މަޢުލޫމާތު އެއްކުރަމުން އަންނަ "މަސްވެރިން" ޖަމިއްޔާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަހަފްތާގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މަސް ބޭނި އެއް ދޯންޏަކީ ގދ.މަޑަވެލީ ޓީއެސް ލައިން ދޯންޏެވެ. މިދޯނިން އެވްރެޖްކޮށް ދުވާލެއްޖެ މައްޗަށް 50 ޓަނުގެ މަސް ކިރުވާފައިވެއެވެ. ނިމިދިޔަ ހަފްތާގައި 105 ޓަނަށްވުރެ ގިނަ މަސް އެދޯނިންވަނީ ބާނާފައެވެ. ދެކުނުގެ މަސްވެރިކަން ތިޔާގިވެފައިވާއިރު ހުރިހާ ދޯންޏަކުންވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 15 ޓަނާއި 20 ޓަނާ ދެމެދު ޢަދަދަކަށް މަސްބާނާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެކުނުގެ މަސްވެރިކަން ތިޔާގިވެ އެސަރަޙައްދުގައި ހުންނަ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށްވަނީ ބާރު ބޮޑުވެފައެވެ. މަސްވެރިކަން ތިޔާގި ވުމާއެކު މަސްވެރިން ބާނާ ހުރިހާ މަހެއް އެއްދުވަހެއްގެ ތެރޭގައި ނުކިރޭކަމުގެ ޝަކުވާއަކީ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާއެކެވެ. މިކަމަށް ޙައްލެއް ގެނައުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.