ޢުމުރުން 13 އަހަރުގެ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލި މައްސަލައިގާ ދަޢުވާލިބޭ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓައިފިއެވެ.
މިމައްސަލާގައި ދަޢުވާކޮށްފައިވަނީ ނ.ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނާއި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.
މިމައްސަލާގައި ހިމެނޭ އިބްރާހީމް ޒިހާން ބަންދުން ދޫކޮއްލަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅައި، އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުންވަނީ ނިންމަވާފައެވެ. މިމައްސަލާގައި ދެން ހިމެނޭ 17 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތުވެވެސް ވަނީ އިތުރުކޮށްފައެވެ.
ޒިހާންގެ މައްޗަށްކުރާ 13 ދަޢުވާ ކްރިމިނަލް ކޯޓުގައި ބުރާސްފަތިދުވަހު ބޭއްވި އަޑުއެހުމުގައި އިއްވުމުން، އޭނާވަނީ އެ ދަޢުވާތައް ސާފުވާކަމަށް ބުނެފައެވެ. މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މިމައްސަލައިގައި 3 ދަޢުވާއެއް އުފުލާފައިވާ ކުޑަކުއްޖާ ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކުރަން ދަޢުލަތުން އެދުނުނަމަވެސް މިވަގުތު ކުޑަކުދިން ބައިތިއްބާ ޖަލުތަކުގެ ހާލަތު ރަނގަޅުނޫންކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ފާހަގަކުރައްވާފައިވާތީ، ކޯޓުންވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ކުރިންކުރި އަމަރު ދަމަހައްޓާފައެވެ.
މިމައްސަލާގައި ދަޢުވާކޮށްފައިވާ ޒިހާންގެ މައްޗަށް 7 ބާވާތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އޭގެތެރޭގައި ގަސްތުގައި މީހަކު މެރުން، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން ޖިންސީ ގޯނާކުރުމުގެ އިތުރުން މައްޔިތެއްގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާވެސް ހިމެނެއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އޭނާއަށް އައުން އެކަށީގެންވާކަމަށް ޕީޖީން ވިދާޅުވިއެވެ.
ދެން ހިމެނޭ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، އިތުރު ދައުވާތަކެއް އުފުލާފައިވެއެވެ. މިމައްސަލައިގެ ޝަރީޢަތް ވީއެންމެ އަވަހަށް ނިންމާލުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ޕީޖީ އޮފީހުން ކުރިންވަނީ ވިދާޅުވެފައެވެ.
ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ މަރާލާފައި، ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫންމަހުގެ 22ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.