ކުޅިވަރު

އެންމެ ފަހުގެ ޗެންޕިއަން ބީއެމްއެލް ކަޓުވާލުމަށްފަހު، އާރްޑީސީއިން 2ވަނަ ބުރަށް


ޔުނައިޓެޑް ބީއެމްއެލް މުބާރާތުން ކަޓުވާލުމަށްފަހު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްއާރްސީ)އިން ދެވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ. ސަރުކާރު އޮފީސް ކުންފުނިތަކަށް އަމާޒްކޮށްގެން ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތް ކުލަބް މޯލްޑިވްސް ކަޕްގެ ގުރޫޕް ސްޓޭޖްގެ މަހު މެޗްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ ބީއެމްއެލްގެ މައްޗަށް 2 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ.

މެޗުން މޮޅުވެގެން ބީއެމްއެލްއަށް މުބާރާތުގެ ދެވަނަ ބުރަށް ދެވެން އޮތުމާއެކު، އެޓީމުން މެޗް ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗްގެ ވަރަށް ކުރީކޮޅުގައި ބީއެލްއެލްގެ އިޝާން އިބްރާހީމް (ސައްޓު)އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. އިޝާން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑްނަގައި ކުރި ހޯދީ އާރްޑީސީއިންނެވެ. މިލަނޑު މެޗްގެ 11ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދު (ގަބޭ)އެވެ. އާރްޑީސީއިން ލީޑް ނެގުމާއެކު ބީއެމްއެލްއިން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފްގައި ބީއެމްއެލްއަކަށް ގޯލެއް ޖެހޭގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްވެސް ބީއެމްއެލްއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް މެޗްގެ ދެވަނަ ހާފްގައި އާރްޑީސީއިންވަނީ އިތުރު ގޯލެއް ޖަހައި މެޗްގެ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ މިދުހަތު ފަހުމީއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މިދުހަތު ފަހުމީ ޖެހި 2 ވަނަ ގޯލެވެ. ބީއެމްއެލްއިން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. އެޓީމަށް ގިނަ ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއްވެސް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ބީއެމްއެލްއަށް މެޗް އެއްވަރުކޮށްލައިގެންވެސް ފުރުސަތު އޮތުމާއެކު ގޯލެއް ޖެހުމަށް ބީއެމްއެލްއިން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ ދެވަނަ ހާފް ނިމެން ދަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދު (ހުޒޭ)އެވެ. މިލަނޑަށް ފަހުވެސް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ބީއެމްއެލްއަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިގުރޫޕްގައި އެޗްޑީސީން ވަނީ ފަސޭހަކަމާއެކު 6 ލަނޑު 1 ލަނޑުން ފެން ކްލަބް (އެމްޑަބްލިއުއެސްސީ) ބަލިކޮށްފައެވެ. ފެން ކްލަބްގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރައްޔާންއެވެ. މިއީ މި މުބާރާތުގައި އެޗްޑީސީ ކޮޅަށް ވަން ފުރަތަމަ ގޯލެވެ. ގްރޫޕް ޑީގެ އެއްވަނަ އެޗްޑީސީން ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ހޯދި އާރްޑީސީއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި ނިންމާލި ބީއެމްއެލްއަށް ތިން ޕޮއިންޓް ލިބުނެވެ. ފެން ކްލަބް މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.