ޚަބަރު

ކައްދޫ އެއަރޕޯޓް ބިޒްނަސް މޮޑެލަކަށް ހިންގަވަނީ


ކައްދޫ އެއަރޕޯޓު، އަސްކަރީ އެއަރޕޯޓެއްގެ
ގޮތުގައި ތަރައްޤީ ކުރައްވާއިރު، ބިޒްނަސް މޮޑެލަކަށް ހިންގެވުމުގެ ވިސްނުންފުޅެއް
ގެންގުޅުއްވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.



ކައްދޫ އެއަރޕޯޓް އަސްކަރީ އެއަރޕޯޓަކަށް ބަދަލުކުރައްވާފައިވާތީ، އެއަރޕޯޓްގެ
ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ،
އެ އެއަރޕޯޓާއެކު ކައްދޫ ބަނދަރުވެސް ތަރައްޤީ ކުރެއްވުމުގެ ވިސްނުންފުޅު
ގެންގުޅުއްވާކަމަށެވެ.



އެގޮތުން، ކައްދޫ ބަނދަރަކީ ޔޮޓާއި، ކުރޫޒް ލައިނަރ މަޑުކުރެވޭނެ ބަނދަރަކަށް ހެއްދެވުމުގެ
އިންތިޒާމް ހަމަޖެއްސުމަށް އެ ބަނދަރަށް ބަދަލުތަކެއް ގެންނަވާނެ ކަމަށްވެސް
އާދަމް ޝަރީފް ވިދާޅުވިއެވެ.



މީގެ އިތުރުން، ކައްދޫ އެއަރޕޯޓް ތަރައްޤީކުރައްވާއިރު މައިގަނޑު ގޮތެއްގައި
ބައްލަވާނީ، އަސްކަރީ ތަމްރީނުތަކުގައި އެތަނުގެ ބޭނުން ހިފޭނެ ގޮތަށާއި، ދިވެހި
ރާއްޖެއާއި ބޭރު ޤައުމުތައް ގުޅިގެން ހިންގާ އަސްކަރީ ތަމްރީން ޕްރޮގްރާމްތައް
ހިންގުމުގައިވެސް ފަސޭހަވާނެ ގޮތްތަކަށް ބައްލަވައިގެން ކަމަށްވެސް އާދަމް ޝަރީފް
ވިދާޅުވިއެވެ.



މީގެ އިތުރުންވެސް ކައްދޫގައި ރަނގަޅު ފެންވަރެއްގެ ފްލައިންގ ސްކޫލެއް ޤާއިމް
ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި
ފާހަގަކުރެއްވިއެވެ. ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު،
އެ މަޝްރޫއު ނިމުމުން އަސްކަރީ މަތިންދާ ބޯޓުތައް ގެންނެވުމަށް ވަނީ ނިންމަވާފައެވެ.




މިހާތަނަށް ވައިގެ މަގުން ސިފައިން ހިންގާ އެކި އޮޕަރޭޝަންތަކުގައި
ބޭނުންކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރެވެ.