ޚަބަރު

އިތުރު 143 މީހުން ކޯވިޑަށް ޕޮޒިޓިވް


ކޯވިޑް-19އަށް ގިނަ ޢަދަދަކަށް މީހުން އަތޮޅުތަކުން ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަތޮޅުތެރެއިންވަނީ 117 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 143 މީހުންނެވެ. މީގެތެރެއިން 117 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 22 މީހުންނެވެ. އަދި ރިސޯޓްތަކުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 91893އަށް އަރާފައެވެ.

ކޯވިޑް ޖެހިގެން މިވަގުތު 1716 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 13 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 100 މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 89913 މީހަކު ވަނީ ބަލިން ރަނަގޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4383 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ކޯވިޑް-19 އަށް ފާއިތުވި މަސްތަކުގައި ގިނައިން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މިވަގުތުވެސް 14 ރަށެއް އޮތީ ކޯވިޑް ފެތުރެމުންދާތީ އަރާފޭބުން މަނާކޮށްފައެވެ.

ކޯވިޑްގެ އައު ވޭރިއެންޓެއް "އޮމިކްރޯން" ހަލުވިކަމާއެކު ދުނިޔޭގެ ޤައުމުތަކުގައި ފެތުރެމުން އަންނައިރު ރައްކާތެރިކަމުގެ ގޮތުން އަނެއްކާވެސް މާސްކަށް އިތުރު ސަމާލުކަމެއް ދިނުމަށާއި ގައިދުރުކަން އިސްކޮށް ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ ގެއިން ބޭރަށް ނުދިޔުމަށާއި ޢާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.