ޚަބަރު

ފެނުގެ ނިޒާމާއެކު މުރައިދުއަށް އިޤްތިޞާދީގޮތުން މަންފާ

އާބާދީގައި 400އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހއ.މުރައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ތަކުލީފަކީ ސާފު ބޯފެނުގެ ނިޒާމެއް ނެތުމެވެ. ނަމަވެސް މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަނީ 2020ވަނަ އަހަރުގެ ތެރޭގައި އެ ރަށުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް ޙަވާލުކޮށްފައެވެ.

މުރައިދޫގެ ރައްޔިތުން މިހާރު ބުއިމަށް ބޭނުން ކުރަމުން އަންނަނީ ގޭގޭގެ ފުރާޅުން ނަގާ ވާރޭ ފެނެވެ. އަދި ކެއްކުމަށް ބޭނުން ކުރަމުން އަންނަނީ ވަޅުން ނަގާ ފެނެވެ. ނަމަވެސް މިއީ ރައްކާތެރި ފެނަކަށް ނުވާތީ، މިމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެ ރަށުގައި ފެނުގެ ނިޒާމް ޤާއިމް ކުރެވުމާއެކު މިކަމަށް ހައްލެއް ލިބި ސާފު ބޯފެން ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މުރައިދޫގެ ރައްޔިތުންނަށް ބޭނުންވާ މި އަސާސީ ޚިދުމަތް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތުގެ ސްޕީޑް އަވަސްކޮށް އަވަހަށް މަސައްކަތް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން މިހާރު މިވަނީ މުރައިދޫގައި ޤާއިމުކުރަމުން އަންނަ ފެނުގެ ނިޒާމްގެ ހޮޅި ވަޅުލުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. މިމަސައްކަތް ފަށްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހާއި ހއ.އަތޮޅުގެ ކައުންސިލްގެ ރައީސާއި މުރައިދޫ ކައުންސިލްގެ ރައީސެވެ.

މި މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ މުހިއްމު އަމާޒެއްކަން ފާހަގަކުރައްވާފައެވެ. މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައްވެސް ތާވަލްކޮށްފައިވާ މުއްދަތަށް ނިންމާލެވޭނެކަމަށް ޝާހް ވިދާޅުވިއެވެ. ޝާހް ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށާއި އިޖްތިމާޢީ އަދި އިޤްތިސާދީ ގޮތުންވެސް ރަށުގެ ރައްޔިތުންނަށް މަންފާ ލިބިގެންދާނެކަމަށެވެ.

"ހަމަ އެހެންމެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް ގެންދާއިރު މަޝްރޫޢުގައި ބޭނުންކުރާ ތަކެއްޗާއި މަސައްކަތުގެވެސް ކޮލިޓީ ދެމެހެއްޓުމަކީ އެމް.ޑަބްލިޔު.އެސް.ސީއިން ވަރަށް އިސްކަން ދޭކަމެއް."ޝާހް ވިދާޅުވިއެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަލީ ޝިފާޢު ވިދާޅުވީ މިމަސައްކަތަކީ މުރައިދޫގެ ރައްޔިތުން ނުހަނު ބޮޑަށް ބޭނުންވެފައިވާ މަސައްކަތެއްކަމަށެވެ. ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅުގައިވެސް މުރައިދޫގައި ސާފު ބޯފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

މުރައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އާރް އޯ ފެސިލިޓީ ބިލްޑިން ހަދަމުން އަންނައިރު އެ މަސައްކަތުގެ %40 މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން 9.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކުރުމާއި 238 ގޭބީސީތަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 2 އާރ.އޯ ޕްލާންޓް ޤާއިމްކުރުމާއި ފެން ރައްކާކުރުމަށް 270 އަކަމީޓަރުގެ 2 ޓޭންކް ބެހެއްޓުމާއި ވާރޭފެން ރައްކާކުރުމަށް 720 އަކަމީޓަރުގެ ޓޭންކެއް ބެހެއްޓުމާއި ވާރޭފެން ރައްކާކުރާ ނިޒާމެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2 ބޯހޯލް ތޮރުފުމާއި ބްރައިން އައުޓްފޯލއްވެސް ޤާއިމްކުރާނެއެވެ.

މުރައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީއަށް ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުގައެވެ. ޖުމުލަ 46.85 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 450 ދުވަހުގެ ތެރޭގައެވެ.