ޚަބަރު

ވޯރލްޑް ކަލިނަރީ އެވޯރޑްސް 2021 : ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަނަކަށް އެމް.އެން.ޔޫ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އިން، 'ވޯރލްޑް ކަލިނަރީ އެވޯރޑްސް'ގެ "އިންޑިއަން އޯޝަން" ކެޓެގަރީ އިން "ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން"ގެ އެވޯރޑް ހާސިލްކޮށްފިއެވެ.

މިއެވޯރޑް ފެކަލްޓީއަށް ލިބުނުކަން އިޢުލާނުކޮށްފައިވަނީ 30 ނޮވެމްބަރ 2021 ގައި، ވޯރލްޑް ކަލިނަރީ އެވޯރޑްސްގެ ވެބްސައިޓްގައެވެ.

އެމް.އެން.ޔޫގެ އެފް.އެޗް.ޓީ.އެސް އަށް މި އެވޯރޑް ލިބިފައިވަނީ ސީޝެލްސް އާއި މޮރިޝަސް އިން މިދާއިރާއަށް ނޮމިނޭޓްވެފައިވާ 3 އިންސްޓިޓިއުޝަންއަކާއި ވާދަކޮށްގެންނެވެ. މީގެ ތެރޭގައި މިދިޔަ އަހަރު މިއެވޯރޑް ކާމިޔާބުކުރި މޮރިޝަސްގެ އޮލިވަރ ކަލިނަރީ ސްކޫލްވެސް ހިމެނެއެވެ.

މި އެވޯރޑަށް ނޮމިނޭޓްވަނީ ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރާ މަސައްކަތާއި، އެދާއިރާއިން ހޯދާފައިވާ ކާމިޔާބީއާއި ކުރިއެރުންތަކަށް ބަލާފައެވެ. އެގޮތުން ކެއްކުމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގުމާއި، ދުނިޔޭގެ ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި ބޭއްވޭ ތަފާތު ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވުން ހިމެނެއެވެ. މި އެވޯރޑަށް އެމް.އެން.ޔޫގެ އެފް.އެޗް.ޓީ.އެސް ނޮމިނޭޓްވެފައިވާކަން އިޢުލާނުކޮށްފައިވަނީ މިއަހަރުގެ މޭ މަހުގައެވެ. އަދި މި އެވޯރޑަށް ހުށަހެޅުނު ފަރާތްތަކަށް ވޯޓު ދިނުން ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 17 އާއި ހަމައަށެވެ.

މި އެވޯރޑް ލިބުމާއި ގުޅިގެން ފެކަލްޓީގެ ޑީން، އަލްފާޟިލާ ޒީނަތު ޞާލިޙް ވިދާޅުވި ގޮތުގައި، ކެއްކުމުގެ ދާއިރާއިން މިފަދަ އެވޯރޑެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ހޯދައިދެވުމަކީ ޔުނިވާރސިޓީއަށާއި ފެކަލްޓީއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. ޑީންގެ ވާހަކަކޮޅުގައި މި އެވޯރޑް ހާސިލް ކުރުމަށްޓަކައި ޔުނިވާރސިޓީގެ ސީނިޔަރ މެނޭޖްމަންޓާއި، ފެކަލްޓީ، ސެންޓަރުތައް، އަދި ކެމްޕަސްތަކުގެ ވެރިންނާއި، ފެކަލްޓީގެ މުވައްޒަފުންނާއި، ސްޓާފުންނާއި، ދަރިވަރުން، އަދި ހެޔޮއެދޭ ފަރާތްތަކުން ދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި މި ރަންވަނައިގެ ޝަރަފު ދެމެހެއްޓުމަށްޓަކައި، ރަނގަޅު ފެންވަރުގެ ތަމްރީނާއި ތައުލީމު ފޯރުކޮށްދިނުމުގައި ސާބިތުކަމާއި އެކު ދެމިތިބޭނެކަން ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުވެސް މި އެވޯރޑް ހާސިލްކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ވޯރލްޑް ކަލިނަރީ އެވޯރޑަކީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ފަޚުރުވެރި ވޯރލްޑް ޓްރެވަލް އެވޯރޑްސް ސިލްސިލާގެ ބައެކެވެ. ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވަނީ 2020 އަހަރުން ފެށިގެންނެވެ. ވޯރލްޑް ކަލިނަރީ އެވޯރޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯރޑެކެވެ. މިއެވޯރޑްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެކިއެކި ޤައުމުތަކާއި ސަރަޙައްދުތަކުން ހޮވާލެވޭ "ބެސްޓް ރޫފްޓޮޕް ރެސްޓޯރަންޓް"، "ބެސްޓް ކަލިނަރީ ފެސްޓިވަލް" އަދި "ބެސްޓް ފައިން ޑައިނިންގ ހޮޓެލް ރެސްޓޯރަންޓް" ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަކީ 1987 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ މުޢައްސަސާއެވެ. މިފެކަލްޓީގައި ގާތްގަނޑަކަށް 600 އެއް ހާ ދަރިވަރުން ދަނީ މިހާރުވެސް ތައުލީމު ހާސިލްކުރަމުންނެވެ. މިފެކަލްޓީއިން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ހައުސްކީޕިންގ، ފްރަންޓް އޮފީސް، ޕެޓިސެރީ، ކަލިނަރީ އާރޓްސް، ޓުއަރ ގައިޑިންގ، އަދި ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ މެނޭޖްމަންޓް ހިމެނެއެވެ. އަދި މިދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އަކުން ފެށިގެން، އެޑްވާންސް ސެޓްފިކެޓް، ބެޗެލަރ ޑިގްރީ، އަދި މާސްޓަރ ޑިގްރީއާއި ހަމައަށް ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.