ޚަބަރު

ރޭޑިއޯ ޕްރެޒެންޓަރަކަށް ވާން ބޭނުންތަ؟ މިއޮތީ ރަނުގެ ފުރުޞަތެއް


ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ސިލްސިލާ މުބާރާތް "ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން"ގެ ސީޒަން 4 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ މުބާރާތެކެވެ.

ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުޞަތު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި މުބާރާތް އެންމެފަހުން ކުރިއަށްގެންގޮސްފައިވަނީ 2018ވަނަ އަހަރެވެ. 3 އަހަރުގެ މެދުކެނޑުމަކަށްފަހު މިމުބާރާތް މިފަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ހުރިހާ ބައިވެރިންގެ މެދުގައި ކުރިއަށް ގެންދާ އޮޑިޝަނަކުން މުބާރާތުގެ ފަނޑިޔާރުން ހޮއްވަވާ ގަދަ 10 ބައިވެރިންނާއެކުއެވެ.

މުބާރާތަށް ހޮވޭ ބައިވެރިންނާއެކު މުބާރާތް ކުރިއަށް ގެންދާއިރު، ރޭޑިއޯ ޕްރޮގްރާމްތަކުގައި ހިމެނޭ ތަފާތު ފޯމެޓްތަކުގެ ހުށަހެޅުންތައް ބައިވެރިން ހުށަހަޅާނެއެވެ. އަދި މި ހުށަހެޅުންތަކަށް ބައިވެރިން ތައްޔާރު ވާނީ ކަމަށް އެކަށޭނަ ކޯޗުންގެ އެހީތެރިކަމާއެކުއެވެ.

ފަނޑިޔާރުންގެ މާކްސްގެ އިތުރުން އެހުންތެރިންގެ ވޯޓުގެ %40 ހިމަނައިގެން ނަތީޖާ ނެރޭ މިމުބާރާތުގެ 1 ވަނައަށް މިފަހަރު ކަނޑައެޅިފައިވާ އިނާމަކީ 20،000 ރުފިޔާއެވެ. 2 ވަނައަށް 15،000 ރުފިޔާ، އަދި 3 ވަނައަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ޗެނަލްތަކުގައި ޕްރެޒެންޓްކުރުމުގެ ފުރުސަތުވެސް އެބައިވެރިންނަށް ލިބޭނެއެވެ.

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމެޕެޓިޝަން 2022ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ ޑިސެމްބަރމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށެވެ. އެސް.އެމް.އެސް ކޮށްގެން ބައިވެރިވުމަށް ހުޅުވާލާފައިވާ މިމުބާރާތަށް އެސް.އެމް.އެސް ކުރައްވާނީ BRP ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، ނަން ޖެއްސެވުމަށްފަހު 300 އަށެވެ.

ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންއަކީ ރޭޑިއޯ ޕްރޮގްރާމް ހުށައެޅުމުގެ ދާއިރާއިން ކުރިއަށްދިއުމަށް ޝަޢުގުވެރިވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދީ، އެފަދަ ޒުވާނުންގެ ހުނަރު ތަރައްޤީކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. 2016ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގެ އެންމެ ޚާއްސަކަމަކީ މިއީ ދިވެހިރާއްޖޭގެ އަޑުން ޢާއްމުގޮތެއްގައި ކުރިއަށްގެންދާ މުބާރާތްތަކާ ޚިލާފަށް މުބާރާތުގެ ފަނޑިޔާރުންގެ އިތުރުން އެހުންތެރިންނަށްވެސް އިންސާފުކުރުމުގެ ފުރުޞަތު ލިބިގެންދާ މުބާރާތެއްކަމެވެ.

ރިއަލިޓީ ޝޯވއެއްގެ ސިފައިގައި ކުރިއަށްގެންދާ މި މުބާރާތް ބައްޓަންކޮށްފައިވަނީ ކޮންމެ ހަފްތާއަކުވެސް މުބާރާތުގެ ބައިވެރިންނަށް ތަފާތު ފޯމެޓެއްގެ ހުށައެޅުމެއް ހުށައަޅަންޖެހޭ ގޮތަށެވެ. އެގޮތުން ރިޕޯޓް ހުށައެޅުމާއި، ޚަބަރު ކިޔުން، ވާހަކަ ކިއުން، އިންޓަރވިއުކުރުން، ރޭޑިއޯ ޑްރާމާ، އަދި ރޭޑިއޯއަށް މަންޒަރު ސިފަކުރުމުގެ އިތުރުން ފޯން ލައިވް ޕްރޮގްރާމް ބައިވެރިން ހުށައަޅަންޖެހެއެވެ. މީގެ ކުރިން ބޭއްވި މި މުބާރާތުގެ 3 ސީޒަނަށްވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިގެންގޮސްފައެވެ.

?????????

????? ????