ސިޔާސީ

ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު، އިދާރީ ދާއިރާތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިފައި: ރައީސް

ލާމަރުކަޒީ ޤާނޫނަށް ގެނައި މުހިންމު އިޞްލާޙުތަކާއިއެކު އިދާރީ ދާއިރާތަކަށް ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތައް ލިބިގެންގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، ކޮމިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުވައިފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިއީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު އިޞްލާޙުތަކާއިއެކު ކައުންސިލްތަކާއި ކޮމިޓީތައް ބާރުވެރިވުމަށްފަހު އަލަށް އިންތިޚާބުކުރެވުނު މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިންމު އިޞްލާޙުތަކާއިއެކު އިދާރީ ދާއިރާތަކަށް ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތައް ލިބިގެންގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ފާއިތުވި ހަ މަސްދުވަހު އެކޮމިޓީން ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް އިތުރަށް ތަރުތީބުކޮށް، ފުރިހަމަކުރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ އެކަމުގައި ކޮމިޓީއަށް ދިމާވެފައިވާ ގޮންޖެހުންތައް ޙިއްޞާ ކުރައްވައިފައިވެއެވެ. މެންބަރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އެލަވަންސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި ކޮމިޓީގެ ވަކިވަކި މެންބަރުން ވަނީ އެކަނބަލުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުންވެސް މާލެއާއި ވަކިން އޮންނަ މި ސިޓީގެ ދެ އަވަށްކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖްތިމާއީ މައްސަލަތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކަވާ، އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މެންބަރުން ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭ ސިޓީގެ ތަރައްޤީއަށް ރާވަފައިވާ ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު އެ ކޮމިޓީގެ މެންބަރުންނާ ހިއްޞާކުރައްވާފައެވެ. އަދި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ވަކިވަކި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާ، ހައްލުކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.