ޚަބަރު

ފިނޭންސްއިން މުވައްޒަފުން ވަކިކުރަނީ ޤަވާއިދާ އެއްގޮތަށް


ފިނޭންސް މިނިސްޓްރީގެ ބައެއް ޑިޕާރޓްމަންޓްތައް
އުވާއްލަވާ، ބައެއް މުވައްޒަފުން ވަކިކުރައްވަނީ ސިވިލް ސަރވިސް ޤަވާއިދާ
އެއްގޮތަށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.



ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުއްވި ބަޔާނުގައި،
ސިވިލް ސަރވިސް އިދާރާއެއްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އިދާރީ އޮނިގަނޑު
މުރާޖަޢާ ކުރުމާއި، މަޤާމު އުފެއްދުމާ އަދި އުވާލުން އަދި މުވައްޒަފުންގެ
ވަޒީފާތަކަށް ބަދަލުގެނައުމުގައި އަމަލުކުރަންޖެހޭ އުޞޫލުތައް ސިވިލް ސަރވިސް ގަވާއިދުގައި
ބަޔާންކޮށްފައިވާކަމަށެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ
އޮނިގަނޑަށް ގެނެވޭ ބަދަލާއި ގުޅިގެންވެސް ޢަމަލުކުރެވޭނީ މިޤަވާއިދުގެ މާއްދާތަކާ
އެއްގޮތަށް ކަމަށްވެސް ސިވިލް ސަރވިސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. 



ސިވިލް ސަރވިސް އިން މިހެން ވިދާޅުވެފައި މިވަނީ، ފިނޭންސް
މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލާ، ބައެއް މުވައްޒަފުން ވަކިކުރެއްވުމަށް
ނިންމެވުމުން، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. 



މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފިނޭންސް
މިނިސްޓްރީގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަކީ ސިވިލް ސަރވިސް ވަޒީފާއިން
ވަކިވާނޭބައެއް ނޫންކަމަށާއި، އެއްވެސް މުވައްޒަފަކަށް ދެރަ ގޮތެއް ނުވާނޭކަމަށެވެ.