ޚަބަރު

އައްޑޫ ޕޮލިސް ކޮލެޖުގެ ފުރަތަމަ ބެޗުގެ ޓްރެއިނިން މާރިޗު މަހު ފަށަން މަސައްކަތް ކުރަނީ


އައްޑޫގައި އަޅަމުންދާ ޕޮލިސް ކޮލެޖު ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެސް، ފުރަތަމަ ބެޗުގެ ޓްރޭނިންގ މާރިޗު މަހު ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގައި ޤާއިމުކޮށްފައިވާ ޕޮލިސް ކޮލެޖު ބައްލަވާލެވުމަށް ކުރެއްވި ޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕޮލިސް ކޮލެޖު ބެއްލެވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޕޮލިސް ކޮލެޖުގެ މަސައްކަތް މިހާރު ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެތަން ކުރިއަށް ދޮޅު މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންނާނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެން މި އަމާޒުކުރަނީ މަސައްކަތް މިއަދު ފެނިގެން ދިޔަ މިންވަރަށް ބަލާއިރު މިތަން ވީހާވެސް އަވަހަކަށް ހުޅުވުން، ޓާގެޓު މިކުރަނީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް. އަދި މުޅިތަން އެއްކޮށް ނިންމައިގެން ހުޅުވުމަށް ގަސްތު ކުރަނީ، އަދި އެއާއެކު އެކީގަ ޓްރެއިނިންގެ އެއް ބެޗް މާރިޗު މަހު ކޮޅު ފެށި، މުޅިތަން އެކުއެކީގައި ބޭނުން ކުރަން ފެށޭނެ ކަމަށް" ސީޕީ ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިތަން ހުޅުވާއިރު ފަށާނެ ޚިދުމަތްތަކާ ގުޅޭގޮތުން ސަރުކާރާއި އަދި ގުޅުން ހުރި އެހެން އިދާރާތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާކޮށް ނިންމާނެ ކަމަށެވެ. އަދި މިތަން ފުރަތަމަ އޮޕަރޭޝަނަށް ގެންނަނީ ބައިބަޔަށް ކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

އައްޑޫގައި އަޅަމުންދާ ޕޮލިސް ކޮލެޖު ބައްލަވާލެއްވުމަށްފަހު އިންޑިއާގެ ސަފީރު މުނު މަހާވަރް ވިދާޅުވީ، މިއީ އިންޑިއާއިން ރާއްޖޭގައި ހިންގާ ވަކި މަޝްރޫޢުތަކަށް ބަލާއިރު އެންމެ ބޮޑު އެއް މަޝަރޫޢު ކަމަށެވެ. އަދި މިތަނުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އިތުރުންވެސް އައްޑޫގައި ކުރިއަށް ގެންދަވާ އެހެން މަޝްރޫޢުތައްވެސް ބައްލަވާލައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމެންޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ އަހަރީ ދުވަހާއި ދިމާކޮށް އަންނަ އަހަރު މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.