އިންގްލިޝް ޕްރިމިއަރ ލީގުގައި ކުޅޭ އެންމެ ވާދަވެރި އެއް ޑަރބީ ކަމުގައިވާ ލިވަޕޫލާއި އެވަޓަންގެ މެދުގައި ކުޅޭ މަރސީސައިޑް ޑަރބީ ލިވަޕޫލުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ލުވަޕޫލް ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ. ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ލިވަޕޫލުންނެވެ. މިމެޗްގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ޖޯޑަން ހެންޑަރސަންއެވެ. އަދި އޭގެ 10 މިނެޓްފަހުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހައިދިނީ ޑެމާރި ގްރޭއެވެ. މިލަނޑާއެކު އެވަޓަންއަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިގެންދިޔަ ނަމަވެސް މެޗްގެ 64 ވަނަ މިނެޓްގައި ސަލާހް މިމެޗްގައި ޖެހި ދެވަނަ ލަނޑާއެކު ލިވަޕޫލަށް މެޗްގައިވެސް އަލުން ދެ ލަނޑުގެ ލިޑު ނަގައިދިނެވެ. އަދި މިމެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ ޑިއޮގޯ ޖޮޓާއެވެ.
މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 14 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި އެވަޓަން އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.