ވިޔަފާރި

ހަންކެޑެ އާއި ގާފަރުފަޅުގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރަނީ


ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ އާއި މާލެ އަތޮޅު ގާފަރުފަޅު ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެޤަރާރެއް ނެރުއްވައިފިއެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް އިގުތިޞާދު ފުޅާކުރަން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ޤަރާރު ނެރުއްވީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ޓޫރިސްޓް ރިސޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްޤީ ކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްއާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ އެނޫންވެސް ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައިވާތީއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅައިފައި އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ އާއި މާލެ އަތޮޅު ގާފަރުފަޅު ކަނޑައަޅުވާފައިވާއިރު، ސަރުކާރުންވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް 4 ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމުން ދައުލަތަށް އާމްދަނީ ހޯދުން ހިމެނެނީ އާމްދަނީ އިތުރުކުރުމަށް ހުޅަހަޅާ އައު ކަންތައްތަކުގެ ތެރޭގައެވެ.