ވިޔަފާރި

ނޯޑިކް ސަރަޙައްދުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ވެބިނާއެއް


ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ނޯޑިކް ސަރަޙައްދުގެ ޓްރެވަލް ޓްރޭޑާއެކު ކުރިއަށް ގެންދިޔަ ވެބިނާއެއްގައި ހިއްސާކޮށްފިއެވެ. އެއް ގަޑިއިރުގެ މި ވެބިނާ ސެޝަން ކުރިއަށް ގެންދިޔައީ ނޮވެމްބަރުމަހުގެ 30ވަނަ ދުވަހުއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ މިއީ ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށް ގެންދާ ވެބިނާ ސިލްސިލާއެއްގެ 2ވަނަ ސެޝަންކަމަށެވެ.

މި ވެބިނާ ސީރީޒްގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު ނޯޑިކް މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކާއި ފަތުރުވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި، ރާއްޖެއަށް މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އޮންނަ މަޤްބޫލުކަން އިތުރުކުރުން ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އެގޮތުން މި ސިލްސިލާގެ ދެވަނަ ސެޝަން ބާއްވާފައިވަނީ "މޯލްޑިވްސް – އަ ސޭފް ހޭވަން ވިތް ޔުނީކް އެކްސްޕީރިއަންސަސް" ތީމްގެ ދަށުންނެވެ. މި ސެޝަންގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދުވަނީ ރާއްޖެއަކީ ރައްކާތެރި އަދި ތަފާތު ތަޖުރިބާތައް ފަތުރުވެރިންނަށް ފޯރުކޮށްދޭ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓު ހައުސްތަކާއި ލިވަބޯޑުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ފަތުރުވެރިންނަށް ލިބޭ ތަފާތު އެކި ޚިދުމަތްތަކާއި، ތަޖުރިބާތަކުގެ ވާހަކަތައް ވެބިނާގެ ބައިވެރިނާ ޠައްޔިބުވަނީ ހިއްސާކުރައްވާފައެވެ.

މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެތެރޭގައެވެ. އެ ސެޝަން ޚާއްސަކޮށްފައިވަނީ "ކަނެކްޓް ވިތް މޯލްޑިވްސް – ޔޯ ސޭފް ހޭވަން"ގެ މައުޟޫއަށެެވެ. ރާއްޖޭގެ އާއްމު މައުލޫމާތާއި، ރާއްޖެއަށް ދަތުރުކުރުމުގެ ޤަވާއިދުތަކާއި، ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ މައުލޫމާތު ފުރަތަމަ ސެޝަންގައި ބައިވެރިވި ވެބިނާގެ ފަރާތްތަކާވަނީ ހިއްސާކޮށްފައެވެ.

އެމްއެމްޕީއާރުސީން ދަނީ ރާއްޖޭގެ މަޤްބޫލްކަން އިތުރުކުރުމަށްޓަކައި އެކި މާކެޓްތަކުގައި ބާއްވާ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. އަދި ބައެއް މާކެޓުތަކަށް އަމާޒްކޮށް ވެބިނާ، ރޯޑްޝޯތަކާއި ފެމިލަރައިޒޭޝަން ޓްރިޕްތައް ބާއްވަމުންނެވެ.