ޚަބަރު

"ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު"ގެ ފަހު މަރުހަލާ ފަށައިފި


"މީރީ" ޕްރޮޖެކްޓުގެ ފަރާތުން ޒުވާނުންނަށް ޚާއްސަކޮށްގެން އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލެއް ހުށަހަޅައި، އެ ޚިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއެއްގެ ސިފަޖެއްސުމަށް ފަރުމާކޮށްފައިވާ "ޕިޗްއަޕް ޔޫތު އޮންޓްޕްރިނިއަރޝިޕް ޗެލެންޖު"ގެ ފަހު މަރުހަލާ ފަށައިފިއެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ވޯލްޑްބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި ،މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

"ޕިޗްއަޕް" އަކީ އައު ވިޔަފާރިއެއް ތަރައްޤީ ކުރާނެގޮތުގެ ޚިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނު އަދި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ. 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގާ މި މުބާރާތަށް ފަތުރުވެރިކަމާ، ފަތުރުވެރިކަމާއި ގުޅުންހުރި ޢުމްރާނީ މަސައްކަތް، އައި.ސީ.ޓީ އަދި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާއިން ޖުމުލަ 102 ޚިޔާލު ހުށަހެޅުނެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން ފާހަގަކޮށްލެވުނު ޚިޔާލުތައް ޝޯޓްލިސްޓުކޮށް، އެ ޚިޔާލުތައް ހުށަހެޅި ފަރާތްތަކަށް ވަނީ ވިޔަފާރީގެ ދާއިރާއިން ތަމްރީނު ދިނުމަށްޓަކައި 6 ދުވަހުގެ ބޫޓުކޭމްޕް ތަމްރީނެއްވެސް ހިންގާފައެވެ. އެއަށްފަހު، ތަފްސީވީ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމުލަ 73 ޕްރޮޕޯސަލް ވަނީ ލިބިފައެވެ.

ބައިނަލްއަޤްވާމީ ފަނޑިޔާރުންވެސް ހިމެނޭގޮތަށް އެކުލަވާލި ޕެނެލަކުން މި ޕްރޮޕޯސަލްތައް ވަޒަންކޮށް، މި މަރުހަލާއިން ފާސްވި ފަރާތްތައް މިހާރުވަނީ މުބާރާތުގެ އެންމެ ފަހު މަރުހަލާއަށް ވާސިލްވެފައެވެ. މި މަރުހަލާގައި ލިބިފައިވާ ޕްރޮޕޯސަލްތަކުގެތެރެއިން ފާސްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރީގެ ޚިޔާލު ޖަޖުންގެ ޕެނަލްއަށް ހުށަހަޅާނެއެވެ. މި މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1- 6 އަށެވެ.

5 އޭޕްރިލް 2021 ގައި ހުޅުވާވި "ޕިޗްއަޕް ޔޫތު އޮންޓްރޮޕްރިނިއަރޝިޕް ޗެލެންޖު" މުބާރާތަށް ޒުވާނުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި މުބާރާތުން މޮޅުވާ ފަރާތްތަކަށް ވިޔަފާރި ފެށުމަށް 600،000 ރުފިޔާ އާއި ހަމައަށް ހިލޭ މާލީ އެހީ ފޯރުކޮށްދޭނެއެވެ. މުބާރާތް ކާމިޔާބުކުރާ ފަރާތްތައް އިޢުލާނުކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެތެރޭގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.