ޚަބަރު

ހުޅުމާލެއިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި


ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުނި ނަގާ ގަޑިތަކަށް ވެމްކޯއިން ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 ޖަހާއިރު ކުނި ބަންދުކުރުމަށްފަހު އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލޭގައި މިހާރު ކުނި ނަގަމުން އަންނަނީ ރޭގަނޑު 8:00 ޖަހާއިރެވެ. ނަމަވެސް ގޭބިސީތަކުން ކުނިނަގަން އެ ގަޑީގައި ފަށާއިރު ބައެއް ގޭބިސީތަކުން ކުނި ބަންދުކޮށްފައި، ތައްޔާރު ނުކުރާކަމަށް ވެމްކޯއިން ބުނެއެވެ. އަދި ކުނި ނަގައިގެން ވެމްކޯގެ މުވައްޒަފުން ދާ ފަހުން ކުނި ޕެކްކޮށް ބޭރުގައި ބެހެއްޓުމުގެ ސަބަބުން ބައެއް ގޭބިސީތައް ކައިރީ ގިނައިރު ކުނި ހުރުމުގެ ސަބަބުން ނުބައި ވަސްދުވުމާއި ބުޅާ އެރުންފަދަ ޝަކުވާ އިތުރުވެފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

މީގެއިތުރުން ހުޅުމާލޭގައި އާބާދީ އިތުރުވަމުން ދިޔުމާއި ގުޅިގެން ހުޅުމާޅޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ބަދަލުކުރުމަށްވެސް ވެމްކޯއިން ވަނީ ނިންމާފައެވެ.

އެމަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ބަދަލު ގެންނާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުނި ނަގާ ގަޑިތަކެވެ. ވެމްކޯއިން ވިދާޅުވީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގަމުންދާނީ ހަވީރު 6:00 ޖަހާއިރުއެވެ. އަދި ކޮންމެ ދުވަހެއްގެ ހަވީރު 5:00 ޖަހާއިރު ކުނި ބަންދުކޮށް އެޕާޓްމަންޓް ކައިރީ ބެހެއްޓުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން ކުނި ނަގަމުން ދާނީ ހަމައެކަނި ރަޖިސްޓަރ ކޮށްފައިވާ ގޭބިސީތަކުންކަމަށްވާތީ ވީއެންމެ އަވަހަކަށް ރަޖިސްޓަރ ކުރުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓުތަކުންވެސް ކުނި ނަގަމުންނެވެ. ހިޔާ ގައި އެޗްޑީސީއާއި ގުޅިގެން ފްލެތުތައް ކައިރީ ޤާއިމުކޮށްފައިވާ ޑަސްބިންތަކުން ކޮންމެ ދުވަހެއްގެ ދެ ގަޑިއެއްގައި ވެމްކޯއިން އަންނަނީ ކުނި ނަގަމުންނެވެ. ވެމްކޯއިން ވިދާޅުވީ ހިޔާގައި ދިރިއުޅޭ ފަރާތްތަކުން އަދި ބިލް ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް އަންނަ ޖެނުއަރީ މަހުން ފެށިގެން ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުންވެސް ބިލް ދައްކަންޖެހޭނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯގެ އެންމެ ބޮޑު އިލްތިމާސަކީ ކުނި ނެގުމަށް ރަޖިސްޓަރ ކުރުމެވެ. މިދާއިރާ ތަރައްޤީކުރުމަށް ކުނި ނަގާ މިންވަރު ވަޒަންކުރުމަށް ކުނި ނަގާ ގޭބިސީތަކުގެ ޢަދަދު މުހިއްމުކަމަށް ވެމްކޯއިން ވިދާޅުވެއެވެ. މީގެއިތުރުން ކުނި ނަގަން ވެމްކޯގެ މުވައްޒަފުންދާއިރު ކުނި ބަންދުކޮށް ތައްޔާރުކޮށްފައި ބެހެއްޓުމަށްވެސް އެކުންފުނިން އިލްތިމާސްކުރެއެވެ.