ވިޔަފާރި

ތިންވަނަ ކުއާޓަރ ނިމުނުއިރު ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު އުޅޭނީ %61ގައި


މިއަހަރުގެ 3ވަނަ ކުއާޓަރ ނިމުނުއިރު ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު އެވްރެޖްކޮށް ހުރީ %61 ކަމަށް އެމްއެމްއޭއިން ހާމަކުރައްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ޢާއްމުކޮށްފައިވާ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ރާއްޖޭގައި 156 ރިސޯޓެއް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު މި ޢަދަދު ހުރީ 154ގައެވެ. އަދި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ރާއްޖޭގައި އޮޕަރޭޝަނަށް ގެނެސްފައިވަނީ 87 ރިސޯޓެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީއަށް ބަލާއިރު، 3ވަނަ ކުއާޓަރ ނިމުނުއިރު މި ޢަދަދު ހުރީ %61 ގައެވެ. މި އަހަރުގެ ދެވަނަވަނަ ކުއާޓަރު ނިމުނުއިރު މި ޢަދަދު ހުރީ 47ގައެވެ. އަދި މިދިޔަ އަހަރުގެ 3ވަނަ ކުއާޓަރގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް އެވްރެޖްކޮށް ހުރީ %10ގައި ކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ.

ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބަލާއިރު، މިއަހަރުގެ 3ވަނަ ކުއާޓަރގައި އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުގެ ޢަދަދަށް ކުރިއެރުން ލިބިފައިވާއިރު، ފަތުރުވެރިކަމުގެ އެނދުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ރިސޯޓުތަކުންނެވެ. އެގޮތުން %73 ރިސޯޓުތަކުން ހިއްސާކުރާއިރު، ގެސްޓުހައުސްތަކުގެ ހިއްސާއަކީ %18 އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން، އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު، ތިންވަނަ ކުއާޓަރުގައި ރާއްޖެއަށް ފަތުރުވެރިން އައި އަދަދަށްވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އަދި މިއާއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ.

އެގޮތުން ބެޑް ނައިޓްގެ ޢަދަދުވަނީ %39އަށް އިތުރުވެފައެވެ. އެހެން ނަމަވެސް ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު ތިންވަނަ ކުއާޓަރުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުުރާ ޗުއްޓީގެ ދިގުމިންވަނީ ކުރުވެފައެވެ. ތަފާސްހިސާބުތަށް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި ފަތުރުވެރިން އެވްރެޖްކޮށް 11 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރި ނަމަވެސް ތިންވަނަ ކުއާޓަރުގައި މި އަދަދު ހުރީ 9 ދުވަހުގައެވެ.