ޚަބަރު

ފުލުހުންގެ ޚިދުމަތުން ޚަރަދުތައް ކޮށްފައިވަނީ ރަނގަޅަށް - އޮޑިޓް


ކޯވިޑް-19ގެ މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޚަރަދުތައް ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ. އޮޑިޓް އޮފީހުން އަންނަނީ ކޯވިޑްގެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތަކުން މާލީ ކަންކަން ހަމަޖެއްސުމުގައި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުތައް ކޮށްފައިވޭތޯ ބެލުމަށް އޮޑިޓްކުރައްވަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ އެމުއައްސަސާއިން ޚަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވަނީ މިދިޔަ އަހަރު އެމުއައްސަސާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ޚަރަދުކުރި މިންވަރާއި ބަޖެޓުން ބާކި މިންވަރު ބަޔާންކޮށްފައެވެ.

މިދިޔަ އަހަރު ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅާފައިވަނީ 31،510،230 (ތިރީސް އެއް މިލިއަން ފައްސަތޭކަ ދިހަ ހާސް ދުއިސައްތަ ތިރީސް) ރުފިޔާގެ ބަޖެޓެކެވެ. މީގެތެރެއިން 27،419،000 (ހަތާވީސް މިލިއަން ހަތަރުސަތޭކަ ނަވާރަ ހާހަށް) ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވަނީ ކޯވިޑްގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތްކުރި ފުލުހުންގެ އެލަވަންސަށްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.

އެއަށްފަހު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އެކޮމޮޑޭޝަން ނުވަތަ ހުރުމުގެ ޚަރަދަށެވެ. މިގޮތުން އެއްމިލިއަނަށްވުރެ ގިނަ ޚަރަދުވަނީ މިކަމަށް ހިނގާފައެވެ. ދަތުރުފަތުރަށް 29900 ރުފިޔާ އަދި މަރާމާތުގެ މަސައްކަތްތަކަށް 617000އަށްވުރެ ގިނަ ރުފިޔާ ހިނގާފައިވާއިރު އެހެނިހެން ޚަރަދުގެ ގޮތުގައި 356000އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން ޚަރަދުތައް ކެނޑުމަށްފަހު ބާކީ 1756179 (އެއް މިލިއަން ހަތް ލައްކަ ފަންސާސް ހަ ހާސް އެއްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ބާކީ ހުރިކަމަށްވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ 2020ވަނަ އަހަރު ފާސްކޮށްފައިވާކަމަށެވެ. އެހެންކަމުން އެނިންމުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޯވިޑް-19އާ ގުޅިގެން 2020ވަނަ އަހަރު ކޮށްފައިވާ ޚަރަދުތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ކޯވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ ސަރކިއުލާތަކާއި އެއްގޮތަށްތޯ ބެލާ މިފަދަ ދަނޑިވަޅެއްގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މުވައްސަސާތަކުން ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހިންގާފައިވާ އޮޑިޓެއް ކަމަށެވެ. އަދި މިއޮޑިޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚަރަދުތައް ހުރީ ޤާނޫނާއި ގަވާއިދާ އެއްގޮތަކަށް އެއޮފީހުންވަނީ ހާމަކުރައްވާފައެވެ.