ޚަބަރު

ޒުވާނުން ތަމްރީނުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިފްކޯއާއި ޔޫތު މިނިސްޓްރީން ސޮއިކޮށްފި


ޒުވާނުން ތަމްރީނުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިފްކޯ އާއި ދެމެދު އެމް.އޯ.ޔޫ. އެއްގައި ސޮއެކޮށްފިއެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއެކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއެ ކުރެއްވީ، ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް މަސައްކަތުގެ މާޙައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިސްނަގައިގެން ކުރިއަށް ގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި މިފްކޯގެ ފަރާތުން ބައިވެރިވެ ޖުމުލަ 22 ޒުވާނުން ތަމްރީނުކުރުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ކުރެވޭ ޒުވާނުން ކުރިމަތިލާފައިވާ ދާއިރާތަކާ ގުޅޭ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިކޮށް ތަމްރީނު ކޮށްދެވޭނެކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ޕްރޮގްރާމް ނިމިގެންދާއިރު ވަޒީފާގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބައިވެރިންނަށް ދަސްވެގެން ދާނެކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.

"މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދީގެން އެ ޕްރޮސެސް މިހާރު ކުރިއަށްގެންދޭ. ޖުމުލަގޮތެއްގައި ބޮޑެތި އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް އަންނައިރު މުވައްޒަފުންވެސް މީގަ ތެރޭގައި ވަރަށް މުހިންމުކަމެއް އެއީ ކުރިއަށް ގެންދިއުން. ހާއްސަކޮށް ބައެއް ދާއިރާތަކުގައި ވަރަށް ބޮޑަށް އޭޖްވަމުން އަންނަނީ. އަޅުގަނޑުމެން އެ ރިޕްލޭސްމަންޓް ވެސް ގެންނަންޖެހޭ." މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން މިވަގުތު އެކުންފުންޏަށް އެންމެ ބޭނުންތެރި އަދި މަސައްކަތުގެ ހުނަރު އެންމެ ބޭނުންވާ ތަފާތު 06 ދާއިރާއެއް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނެންސް، ވެލްޑިންގ ޓެކްނިކްސް، އޮޓޮމޯޓިވް މެއިންޓަނަންސް، މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް އަދި ފިޝް ޕްރޮސެސިންގ އެންޑް ކުއަލިޓީ ކޮންޓްރޯލެވެ.

06 މަސްދުވަހުގެ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް ލިބޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ތަމްރީނުވާ ކޮންމެ ބައިވެރިއަކަށް 3،000 ރުފިޔާގެ އެލަވަންސެއް ވެސް ލިބިގެންދާނެއެވެ.