ޔަމަނުގެ ވެރިރަށް ސަންޢާގެ އަސްކަރީ މަޤާމުތަކަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
ޔަމަނުގެ ވެރިރަށް ސަންޢާ އޮތީ އިދިކޮޅު ޚޫޘީ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އީރާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު އެ ޖަމާޢަތުންވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޚޫޘީންނާއި ޢަރަބި އަސްކަރީ އިއްތިޙާދާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޢަރަބި އަސްކަރީ އިއްތިޙާދުން ބުނީ ސަންޢާއަށް ދިން ޙަމަލާތައް ޢަމާޒުކޮށްފައިވަނީ ޚޫޘީންގެ އަސްކަރީ މަޤާމުތަކަށްކަމަށެވެ. އަދި ސަންޢާގައި ސިއްރުން ހިންގަމުންދާ އީރާނުގެ އަސްކަރީ މަރުކަޒުތަކަށްވެސް ޙަމަލާދީފައިވާނެކަމަށް ޢަރަބި އަސްކަރީ އިއްތިޙާދުން ބުނެފައިވެއެވެ. ސަންޢާއަށް ޙަމަލާ ދިނުމުގެ ކުރިން އެ ސަރަޙައްދުތަކުން ޢާއްމުން ދިޔުމަށް އެ އިއްތިޙާދުންވަނީ ކުރީ ބައިގައި އަންގައިފައެވެ.
2014ވަނަ އަހަރުގެ ތެރޭގައި ފެށުނު ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސަޢުދީ ޢަރަބިއްޔާއިން ވަނުމުން 2015ވަނަ އަހަރުން ފެށިގެން މިސައިލާއި ޑުރޯން ބޭނުންކޮށްގެން ސަޢުދީ ޢަރަބިއްޔާއަށް ޚޫޘީންވަނީ ޙަމަލާ ދޭން ފަށައިފައެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމަ ވެފައިވަނީ ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ހިނގަމުންދާ އެންމެ ބޮޑު ކުރިމަތިލުމަށެވެ.