ޚަބަރު

ތ.ބުރުނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި


ތ.އަތޮޅު ބުރުނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ފަށައިފިއެވެ. މިމަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވެލި ނެގުމުގެ މަސައްކަތެވެ.

މިމަޝްރޫޢުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި 220 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 369 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމަށްވެސްވަނީ ހަމަޖެހިފައެވެ.

2004 ވަނަ އަހަރުން ފެށިގެން ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު ވިދާޅުވީ ރަށުގެ އުތުރު ފަރާތާ ދެކުނު ފަރާތް ގިރަމުންދާ ކަމަށާ، މި މަޝްރޫއުގެ ދަށުން އެ ދެފަރާތްވެސް ހިމާޔަތް ކުރުމަށް ނިންމާފައިވާކަމަށެވެ. އާދަމް މުހައްމަދު ވިދާޅުވީ ރަށުގެ އުތުރު ފަރާތުން މީހުން ދިރިއުޅޭ ގެތަކާއި މޫދާ ދެމެދު 10 ފޫޓްވެސް މިހާރުނެތްކަމަށާއި، އުދައަރާ ދުވަސްވަރެއްގައި އެސަރަހައްދުގެ ގެތަކަށް ރާޅުއަރާކަމަށެވެ.

ބުރުނި އަކީ ރާއްޖޭގައި އެންމެ ގިނައިން ފަޅުން ރާގޮނޑި ހިފާ އެއްރަށެވެ. އެހެންކަމުން ގޮނދުދޮށް ހިމާޔަތް ކުރުމުގެ މި މަސައްކަތް ކުރުމަށް ފަޅުން ވެލި ނަގާއިރާއި، ހިމާޔަތް ކުރަން ތޮށި ޖަހާއިރު ރާގޮނޑި ހިފުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާދަމް މުހަންމަދު ވިދާޅުވިއެވެ.

ތ.އަތޮޅު ބުރުނީ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ މަސައްކަތުގެ އަގަކީ 28.8 މިލިއަން ރުފިޔާއެވެ.