ޚަބަރު

މަޖިލީހުގެ ފަހު ދައުރުގައި ނިންމުނީ %65.5 މަސައްކަތް


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން %65.5 މަސައްކަތް ނިންމާފައިވާކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތް ނިންމައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.

މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދު ވަނީ ފަހު ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފްސީލްދެއްވާފައެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިދައުރުގެ ތެރޭގައި ބޭއްވި 44 ޖަލްސާގައި މަޖިލިސް މެމްބަރުން ތަޅުމުގައި 112 ގަޑިއިރު ހޭދަ ކުރައްވާފައިވާކަމަށެވެ. އަދި ބޭއްވި 320 ކޮމިޓީ ބައްދަލުވުމުގައި 331 ގަޑިއިރު މެމްބަރުން ހޭދަ ކުރައްވާފައިވާކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި ކުރެވުނު މަސައްކަތްތައް

  • ހުށަހެޅި 41 ބިލުގެ ތެރެއިން 20 ބިލުގެ މަސައްކަތް ނިންމި
  • ހުށަހެޅި 12 ޤަރާރުގެ ތެރެއިން 4 ޤަރާރުގެ މަސައްކަތް ނިންމި
  • ސަރުކާރުން ހުށައެޅި 7 މައްސަލަ ނިންމި
  • މެމްބަރުން ހުށަހެޅި13 މައްސަލައިގެ ތެރެއިން 9 މައްސަލަ ނިންމި
  • ވަޒީރުންނާއި ކުރުމަށް ހުށައެޅި 39 ސުވާލުގެ ތެރެއިން 32 ސުވާލު ކުރެއްވި
  • ހުށައެޅި 5، ކުއްލި މައްސަލަ ނިންމި

ރައީސް ނަޝީދު ވިދާޅުވީ މި މަސައްކަތްތަކާއެކު މަޖިލީހުގެ ފަހު ދައުރުގައި ނިންމިފައިވަނީ %65.5 މަސައްކަތްކަމަށެވެ. މިދައުރުގައި ފާސްކުރި މުހިންމު ބިލްތަކާއެކު މެމްބަރުން ކުރެއްވި މަސައްކަތްތަކަށް މަޖިލީހުގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގައެވެ. ޖަލްސާތައް ފަށާނީ މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން ފެބުރުއަރީ މަހު ބާއްވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާއިންނެވެ. ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.މި ޖަލްސާގައި އޮންނާނީ ހަމައެކަނި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.