ޚަބަރު

އެޗްއައިވީއަށް މަގުފަހިވާ ޢަމަލު ގިނަވެ، ރާއްޖޭގައި ބަލި އިތުރުވަނީ


އެކުއާޑް އިމިއުނޯޑެފިޝިއެންސީ ސިންޑްރޯމް ނުވަތަ އެއިޑްސްއަކީ އެބައްޔެއްގެ ވާހަކަ ދެއްކުމަށްވެސް މީހުން ޖެހިލުންވާ ބަލިމަޑުކަމެކެވެ. ލަދުވެތިކަމާއި ބިރުވެރިކަން އެކުލެވޭ އެތައް ވޭނެއް މިބައްޔަށް ހުށައެޅޭ މީހުން އުފުލައެވެ.

ނުރައްކާތެރި މިބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށިތާ މިއަހަރު 40 އަހަރު ފުރޭއިރު މިބައްޔަށް ފަރުވާ ހޯދުމުގައި ވޭތުވެދިޔަ އަހަރުތަކުގައި އެތައް ކުރިއެރުމެއް ސައިންސްވެރިންވަނީ ހޯދާފައެވެ. މިއަދަކީ މިބައްޔާ މެދު ހޭލުންތެރިކުރުވާ ބަލިޖެހުމަށް މަގުފަހިވާ ކަންކަމާއި ބަލި ޖެހިފައިވާ މީހުންނަށް އަޅާލުމަށް މުޖުތަމަޢު އެކަތިގަނޑަކަށްވުމާ ގުޅޭގޮތުން އަޑުއުފުލާ، ބައިނަލްއަޤުވާމީ އެއިޑްސް ބަލީގެ ދުވަހެވެ.

1981ވަނަ އަހަރު ފެނުނު "އެކުއާޑް އިމިއުނޯ ޑެފިޝިއެންސީ ސިންޑްރޯމް(އެއިޑްސް)" ބަލި ޖެހެން މެދުވެރިވާ ވައިރަސް ހޯދުނީ އޭގެ 3 އަހަރު ފަހުންނެވެ. އެގޮތުން އެއިޑްސްބަލި ޖެހެނީ މީހާގެ ދިފާޢީ ނިޒާމު އެއްކޮށް ހަލާކުކޮށްލާ، ޖަރާސީމާއި ބަލިތަކާ ދެކޮޅަށް ޙަރަކާތްތެރިވާ އިންސާނާގެ ޑިފެންސް ސިސްޓަމް އެއްކޮށް ނެތިކޮށްލާ "ހިއުމަން އިމިއުނޯޑެފިޝިއެންސީ ވައިރަސް" އެޗްއައިވީއަށް ހުށައެޅިގެންނެވެ. ދިރާސާތަކުން ދައްކާގޮތުން އެޗްއައިވީ އަށް ޕޮޒިޓިވްވީ ނަމަވެސް ޒަމާނީ ބޭހާއެކު އެއިޑްސް ބަލިޖެހުމަށް އަހަރުތަކެއް ނަގައެވެ. އެހެންނަމަވެސް ބައެއް ޙާލަތްތަކުގައި ހަށިގަނޑަށް މިވައިރަސް ވަދެފައިވާ ނިސްބަތުން މިމުއްދަތު ކުރުވެ ދިފާޢީ ނިޒާމުން ޢާއްމުގޮތެއްގައި ރައްކާތެރިކުރާ ބަލިތަކަށް މީހާ ހުށައެޅެއެވެ. ޖިންސީ ގުޅުން ނަހަމަ ގޮތުގައި ހިންގުމާއި ރައްކާތެރި ނޫން ލޭ އެޅުމުގެ ސަބަބުން ފެތުރޭ މިބައްޔަށް، ބަލިޖެހިފައިވާ މާބަނޑުމީހަކު ވިހާ ދަރިފުޅުވެސް ޕޮޒިޓިވްވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކުރާ ގޮތުގައި މިވަގުތު ދުނިޔޭގައި މިބައްޔަށް ހުށައެޅިފައިވާ 37 މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ބައެއް ޤައުމުތަކުގައި މިބަލި ޢާއްމު ވިނަމަވެސް ރާއްޖޭގައި މިބަލި ނިސްބަތުން މަދުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް ބައްޔަށް ވޭތުވެދިޔަ 3 އަހަރުތެރޭގައި ހުށައެޅުނު މީހުންގެ ނިސްބަތްވަނީ އިތުރުވެފައެވެ.

ހެލްތު މިނިސްޓްރީން ޢާއްމުކޮށްފައިވާ ގޮތުގައި 2017ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބީ މިބަލި ޖެހިފައިވާ 25 ދިވެހިންނެވެ. އަދި އޭގެ 3 އަހަރުފަހުން މިނިސްޓްރީން ޢާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި މިވަގުތު މިބައްޔަށް ހުށައެޅިފައިވާ 37 ދިވެހިން އެބަތިއްބެވެ. މީގެތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި 6 އަންހެނުންނެވެ. މީގެތެރެއިން މިވަގުތު 22 މީހަކަށް އޭއާރްވީ ފަރުވާ އަންނަނީ ދެމުންނެވެ. އަދި 15 މީހަކުވަނީ ނިޔާވެފައެވެ.

ރާއްޖޭގައި އެޗްއައިވީއަށް ޕޮޒިޓިވްވީ ބިދޭސިންގެ ޢަދަދުވެސް ނިސްބަތުން ގިނައެވެ. އެގޮތުން މިހާތަނަށް އެކި ސަބަބުތަކާއި ގުޅިގެން ހެދި މެޑިކަލްތަކުން ބިދޭސީންގެ 450 މީހެއްގެ ގައިންވަނީ އެޗްއައިވީ ފެނިފައެވެ.

ރާއްޖޭގައި އެޗްއައިވީއަށް ހުށައެޅިފައިވާ މީހުންގެ ޢަދަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު މިބައްޔަށް ހުށައެޅެން މެދުވެރިވާ ސަބަބުތައް މުޖުތަމަޢުގެ ތެރޭގައި ޢާއްމުވެފައިވާކަމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާގެ އެބައޮތެވެ. އެގޮތުން ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުން ރާއްޖޭގައި އިތުރުވެފައިވާކަން ޔޫއެންޑީޕީގެ ދިރާސާތަކުން ދައްކައެވެ. އެހެންކަމުން މިބަލިމަޑުކަމުން އަރައިގަތުމަށް މިފަދަ ގުޅުންތަކަށް މަގުފަހިވާގޮތަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަންޖެހެއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އެއިޑްސްބަލީގެ ދުވަސް ފާހަގަކުރުމަށް އެކި ޤައުމުތަކުގައި ގިނަ ޙަރަކާތްތަކެއް ހިންގުމަށްވަނީ ރާވާފައެވެ. މިއަހަރު ދުވަހުގެ ޝިޢާރަކަށް ޑަބްލިއުއެޗްއޯއިންވަނީ "އެންޑް އިނީކުއެލިޓީސް، އެންޑް އެއިޑްސް" ނުވަތަ "ތަފާތުކުރުން ނައްތާލާ، އެއިޑްސް ނައްތާލާ." މިޝިޢާރެވެ. މީގެ މަޤްސަދަކީ ބައްޔަށް ހުށައެޅިފައިވާ ހުރިހާ ފަރާތްތަކަށް އެއްވެސް ހުރަހެއްނެތި ހަމަހަމަކަމާއެކު ބޭސްފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.