ޚަބަރު

ސާފުތާހިރުކަން ކުޑަވުމުން 'ދޮންގޮއްޔެ' ބްރޭންޑުގެ ކާބޯތަކެތި ވިއްކުން މަނާކޮށްފި


ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން 'ދޮންގޮއްޔެ' ބްރޭންޑުގެ ކާބޯތަކެތި ވިއްކުމާއި، އަދި މިތަކެތި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން 'ދޮންގޮއްޔެ' ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އެ އޮތޯރިޓީން ތަހުގީގު ކުރިއިރު އެތަނުގެ ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ހާމަކުރައްވާފައިވެއެވެ. އަދި އެތަނުގައި އުފައްދާ އަދި ބަންދުކުރާ ކާބޯތަކެތި ބޭނުންކުރުމަކީ އޭގެ ސަބަބުން އާއްމު ސިއްޙަތަށް ނޭދެވޭ އަސަރުކުރުވާ އަދި އެ ކާބޯތަކެތީގެ ޒަރީޢާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ޙާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތުމުން މިބްރޭންޑްގެ ކާބޯތަކެތި ބޭނުންނުކުރުމަށް އެއޮތޯރިޓީންވަނީ އިލްތިމާސްކުރައްވާފައެވެ.

އެހެންކަމުން މިހާތަނަށް ހުރި މި ބްރޭންޑްގެ ކާބޯތަކެތި ބާޒާރުގައި ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންވަނީ އަންގާފައެވެ.

'ދޮންގޮއްޔެ' ބްރޭންޑުގެ ދަށުން ދިވެހިން ކެއުމުގައި ބޭނުންކުރާ ބާވަތްތައް ކަމަށްވާ މަސްމިރުސް، ތެލުލި ރިހާކުރު، ތެލުލިފަތް ފަދަ ތަފާތު ބާވަތްތައް ވިއްކައެވެ.